އާދިއްތަ, November 1
އޭސީސީއާއި އީސީގެ ވެރިން އައްޔަންކުރެއްވުމުގެ ބާރު ރައީސަށް ދިނުމަށް މަޖިލީހުން ފާސްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި، ނައިބު ރައީސް އައްޔަންކުރެއްވުމުގެ ބާރު އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އޭސީސީއާއި، އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ. މިދިޔަ މަހު 24 ގައި ހުށަހެޅި އެ ދެ ބިލު މަޖިލީހުން ބަލައިގަނެ، ބިލުތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވީ މި މަހުގެ 5 ގައެވެ.

މިދިޔަ ހަފުތާގައި ކޮމިޓީން އެ ދެ ބިލު ދިރާސާކޮށް ނިންމައި، ސަރުކާރުން ފޮނުވި ގޮތަށް ދެ ބިލު ވެސް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދެ ބިލު ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ދެ ބިލު ވެސް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ތާއީދާއެކުއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ.

އޭސީސީއާއި، އީސީގެ ގާނޫނަށް ހުށަހެޅި ދެ ބިލުގެ މަގުސަދަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންތަކުގެ ރައީސާއި، ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

އެ ދެ ބިލުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެއެވެ. އަދި އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހެއެވެ.

އެގޮތުން ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އެ ދެ ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދެއްވަން ބޭނުންވެވަޑައިގެންފިނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތުމުން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްގެ މަގާމުން އެ ބޭފުޅަކު ވަކިވީ ކަމުގައި ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު