އާދިއްތަ, November 1
އާބާދީގައި 10,000 މީހުން ހަމަނުވާތީ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް!

ގދ.ތިނަދޫއަށް ދީފައި އޮތް ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިިފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުޙައްމަދު ރާޤިބެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްދުކޮށް ހުށަހަޅުއްވާފައިވާ މި މައްސަލާގައި ބުނެފައިވަނީ ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އެ ރަށު ކައުންސިލުން ދީފައިވާ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން ތިނަދޫ ކައުންސިލު އިދާރާއިން އެ ރަށުގެ އާބާދީގެ ރަސްމީ އަދަދު ހިއްސާކޮށްފައިވަނީ އޮޅުވާލައިގެން ކަމަށާއި، ރަށުގެ އާބާދީއަކީ 10,150 މީހުން ކަމަށް ބުނެފައިވާއިރު، އެކެއްގެ ނަމުގައި އެއް އައިޑީ ކާޑު ނަންބަރަށްވުރެ ގިނަ ނަންބަރު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެކެއްގެ ނަން އެއްފަހަރަށްވުރެ ގިނަ ފަހަރު އެ ލިސްޓުގައިވާ ކަމަށާއި، އޭރު މަރުވެފައިވާ 115 މީހުންގެ ނަން ވެސް ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ. މީގެއިތުރުން ވެސް ލިސްޓުގައި އޮޅުންއަރާފަދަ އެތައް ކަމެއް ހުރިކަމަށް ރާޤިބު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

އެގޮތުން ބަލާއިރު، ކައުންސިލުގެ އިދާރާގެ ރަޖިސްޓްރީއާއި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ރަޖިސްޓްރޭޝަނުގައި ވަރަށް ބޮޑު ފަރަގެއްވާ ކަމާއި، ޑީއެންއާރްގެ ރަޖިސްޓްރޭޝަނުން ދައްކާ ގޮތުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫގެ އާބާދީއަކީ 7,924 މީހުން ކަމަށް މައްސަލާގައި ބުނެފައިވެއެވެ.

އެހެންކަމުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅުމަށާއި، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުކޮށްދިނުމަށް ރާޤިބުގެ މައްސަލާގައި އެދިވަޑައިގެންފައިވެއެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު