ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ފޮނުވާ ގާނޫނީ ލިޔުންތައް (ގަވާއިދުތަކާއި، އުސޫލުތައް) ފޮނުވުމަށް ހަމަޖެހިފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަދަލު ގެނެސްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްދިނުމަށް އެދި، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި، މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާ ގާނޫނީ ލިޔުންތައް އޮފީހަށް ފޮނުވުމުގައި އަމަލުކުރަމުން ގެންދާ ގޮތަށް މިއަދުން ފެށިގެން ބަދަލު ގެންނެވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްދިނުމަށް އެދި ގާނޫނީ ލިޔުންތައް ފޮނުވާނީ [email protected] މި އީމެއިލަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށް ދެންނެވުމުގައި ބުނެފައިވެއެވެ.
މީގެއިތުރުން ގެޒެޓުގައި ޝާއިއުކުރުމަށް ފޮނުވާ ލިޔުމެއްގައި އިސްލާހުކުރަންޖެހޭ ކަންކަން ހުރިނަމަ، އެ ކަންކަން އިސްލާހުކުރުމަށްފަހު ގެޒެޓުގައި ޝާއިއުކޮށްދިނުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުވާއިރު، ދައުލަތުގެ އެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާނީ، އެ ވުޒާރާގެ ވަޒީރު ނުވަތަ އެ ވަގުތަކު އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާ އެކުގައި ކަމަށް ވެސް މި ދެންނެވުމުގައިވެއެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ނަންބަރު 2015/4 (ރަސްމީ ލިޔުންތަކުގައި ސޮއިކުރެއްވުމާއި ސިޓީ އެޑްރެސްކުރެއްވުން) ދެންނެވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ލިޔުންތަކުގައި ސޮއިކުރެއްވުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ގޮތަށެވެ.
ހަމައެއާއެކު ގެޒެޓުގައި ޝާއިއުކުރުމަށް ގާނޫނީ ލިޔުންތައް ފޮނުވާއިރު، ބަންޑާރަ ނައިބުގެ ގާނޫނީ ލަފާފުޅު ހޯއްދަވަންޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާފުޅު ހޯއްދަވައި، އެ ލަފާފުޅާ އެއްގޮތަށް ގާނޫނީ ލިޔުންތައް ތައްޔާރުކުރައްވައި، ބަންޑާރަ ނައިބުގެ ގާނޫނީ ލަފާފުޅާއެކު ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވެއެވެ. އަދި އެ ލިޔުމަކާ ގުޅޭގޮތުން ރައީސުމްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން އެ ވުޒާރާއަކާ ނުވަތަ އެ މުއައްސަސާއަކާ ނުވަތަ އެ އިދާރާއަކާ މުއާމަލާތުކުރާނެ ބޭފުޅެއްގެ ނަމާއި، މަގާމާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުއްވަމުން ގެންދެވުމަށާއި، ގާނޫނީ ލިޔުންތައް ފޮނުއްވާއިރު ބަހުގެ ހަމަތަކަށާއި ގާނޫނީ ހަމަތަކަށް ރަނގަޅަށް ބައްލަވައި ކުށް ފިލުއްވުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ޤާނޫނީ ލިޔުންތައް ތައްޔާރުކުރާ ފޯމެޓުގައި ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވާ ކަމުގައި ވެސް ދެންނެވުމުގައިވެއެވެ.
ގެޒެޓުގައި ޝާއިއުކޮށްދިނުމަށް އެދި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާ ގާނޫނީ ލިޔުންތައް ރައީސް އޮފީހަށް ފޮނުވުމުގައި އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ބަދަލު ގެންނެވި ނަމަވެސް، ރައީސް އޮފީހުގެ ނަންބަރު 11/2010 (ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ގަވާއިދު ހެދުން) ދެންނެވުމާއި، އެ އޮފީހުގެ ނަންބަރު 25/2010 (ސަރުކާރުގެ އޮފީސްތަކުން ގެޒެޓްކުރުމަށް ގަވާއިދު ފޮނުއްވާއިރު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު ފޮނުއްވުން) ދެންނެވުމަށް ބަދަލެއް ގެނެސްފައެެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން