އާދިއްތަ, November 1
ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން: ރައީސް

ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި މިއަދު އަތުލައިގަތުމާއި ގުޅިގެންނެވެ.

ރައީސް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން  އަތުލައިގެންފައި ކަމަށެވެ.

އަދި މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ ކަމަށާއި، ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އެ މަނިކުފާނު އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ.

ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން ކަމަށް ރައީސް ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ބަނދަރަށް ގެންދިޔަ ކަމަށް ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މި މަސްބޯޓުން 400 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު