ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިޒޯޓްސްގެ ވެރިޔާ، އަހްމަދު ސިޔާމް (ސަން ސިޔާމް) އާއި އައިމިނަތު ޒާރާ (ކަމަދޫ ޒާރާ)ގެ ކައިވެނީގެ ވީޑިއޯލަވަ ސަން ސިޔާމްގެ މީޑީއާ އެސްއެސް ޓީވީއިން ބެލުންތެރިންނަށް ދައްކައިލައިފި އެވެ.
މި ވީޑިއޯލަވަ އެސްއެސްޓީވީއިން ޔޫޓިއުބްގައި އަޕްލޯޑު ކޮށްފައިވަނީ މީގެ ތިން ގަޑިއިރު ކުރިންނެވެ. މި ލަވައަކީ ހުސެއިން ސޮބާހްގެ މިއުޒިކަކަށް މުހައްމަދު ސަމީމް ހަދާފައިވާ ޅެމަކަށް ޒާރާގެ އަޑުން ކިޔާފައިވާ ރީތި ލަވައެކެވެ. މިލަވައިން ދައްކައިދެނީ ޒާރާ އަދި ސިޔާމްގެ ރަންކިޔުމާއި، ކައިވެނީގެ މަންޒަރު ތަކެވެ.
އުމުރުން 55 އަހަރުގެ ސިޔާމާއި 23 އަހަރުގެ ޒާރާ ކައިވެނި ބައްލަވައިގަތީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގަ އެވެ. ކައިވެނީގެ ހަފްލާ ބޭއްވީ މާލެ އަތޮޅުގައި ސިޔާމު ހިންގަވަމުން ގެންދަވާ އޮޅުވެލި ރިޒޯޓުގައެވެ. އަދި ކައިވެނީގެ އުފަލުގައި، ޒާރާގެ އުފަން ރަށް ކަމުގައިވާ ކަމަދޫގައިވެސް ވަނީ ޚާއްސަ ޕާޓީއެއް ބާއްވާފަ އެވެ.
ޒާރާ ދިވެހިންގެ މެދުގައި މަގްބޫލުވެގެން ދިޔައީ މިދިޔަ ބޮޑު ޢީދުތެރޭގައި، ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުގު ތެރެއިންނެވެ. ޒާރާގެ ނެށުމުގެ ހުނަރަށް އެތައް ބައެއްގެ ތައުރީފު ލިބިގެންދިޔަ އެވެ. އެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީގައިވެސް ގެނެސްދީފައި ވެއެވެ.
މި ލިޔުން ކިޔާލުމުން