Saturday, November 14
މާލީ ނިޒާމުގެ ތެރެއަށް ބޭރުފާއިސާ ވެއްދުމަށް އިތުރު ފިޔަވަޅުތައްވެސް މުހިންމު

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި  ޖުމްލަ 1227 ފެސިލިޓީއެއް ހިދުމަތް ދިނުމަށް މިހާރު  ހިންގަމުންދެއެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 887 ގެސްޓްހައުސް އާއި 152 ސަފާރީ އަދި 14 ހޮޓާ ހިމެނެއެވެ. މި ސިނާއަތު މިހާވަރަށް ކުރިއަރާފައިވާއިރު، އަދި ޓޫރިޒަމް ދާއިރާއަށް ފަންސާސް އަހަރުވެގެން ދިޔައިރު، ދިވެހި ގައުމަށާއި އާންމު ފަރުދުންނަށް މި ސިނާއަތުގެ މަންފާ އެދެވޭގޮތުގައި ކުރަމުންދޭތޯ ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.

ތެދެކެވެ. ދިވެހި އިގްތިސާދު ބިނާވެފައިވާ މައިގަނޑު އެއް ސިނާއަތަކީ ޓޫރިޒަމް ކަމުން ގައުމުގެ އިގްތިސާދުގެ ގިނަ ކަންކަން ބަރޯސާވެފައި މިއޮންނަނީވެސް  ޓޫރިޒަމް ދާއިރާއަށެވެ. މިގޮތުން ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް %30 ހިއްސާކުރާ މި ސިނާއަތަކީ ރާއްޖެއަށްލިބޭ ބޭރު ފައިސާގެ އާމްދަނީގެ %60 އަށްވުރެ ބޮޑު އަދަދެއްވެސް ހިއްސާކުރާ ދާއިރާއެވެ.

ނަމަވެސް މި ދާއިރާގެ ކަންކަން މިހާރު އިންތިޒާމު ކުރެވިފައިވާ ގޮތުން ގައުމެއްގެ ގޮތުގައި ލިބެންޖެހޭ މަންފާ އެދެވޭގޮތުގައި ލިބޭ ކަމަކަށް ނުފެނެއެވެ. އޭގެ ހެއްކަކީ އަޅުގަނޑުމެންގެ ގައުމު އިގްތިސާދީ ގޮތުން ނުފުދިވާ މިންވަރެވެ.  ޑޮލަރުގެ އަގުތައް ދުވަހުން ދުވަހަށް ދަނީ އުފުލެމުންނެވެ. ބޭންކްތަކަށް އެމްއެމްއޭ އިން އިންޖެކްޓު ކުރާ ޑޮލަރުގެ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ  ރިޒާވަށް ބޮޑު ބުރައެއް ކުރިމަތިވެއެވެ. މި ހިސާބަށް އައިއިރު ގައުމުގެ އިގްތިސާދުމިވަނީ ބަލިކަށިވެ ދަރަނި ބޮޑުވެފައެވެ. މިވަރުގެ ސިނާއަތެއް އޮތް ގައުމެއްގައި ކަންކަން ވާންޖެހޭ ގޮތެއްކަމަކަށް ނުފެނެއެވެ.

ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގޭ ޓޫރިޒަމް ދާއިރާ އަށް 2023 ވަނަ އަހަރު ވަނީ 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.  މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު  %34 ގެ އިތުރުވުމެކެވެ. ނަމަވެސް މިވަރުގެ އާމްދަނީއެއް ލިބުނުއިރު 2023 ވަނަ އަހަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް މީގެތެރެއިން ވަދެފައިވަނީ  2.3 ބިލިއަން ޑޮލަރެވެ. މިއީ މި ދާއިރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 52 ޕަސެންޓެވެ. މި އަދަދުގެ ތެރެއިން ރާއްޖޭގެ ޑޮމެސްޓިކް ބޭންކުތަކަށް މާރުކޮށްފައިވަނީ ޖުމުލަ 68 މިލިއަން ޑޮލަރެވެ. މާނައަކީ 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އަހަރަކު ލިބުނު ސިނާއަތަކުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ބޭންކުތައް މެދުވެރިކޮށް  ދައުރުވުމަށް ދޫކުރެވިފައި މިވަނީ އެންމެ  68 މިލިއަން ޑޮލަރެވެ. މިއީ ނިސްބަތުން ވަރަށް މަދު މިންވަރެކެވެ.

މިކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ކިތަންމެހާވެސް ގިނަވާނެކަމަށް ފެނެއެވެ. ފުރަތަމަ ކަމަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހި ރުފިޔާއިން ހޭދަކުރަންޖެހޭ ސަބަބުތައް އުފެއްދުން މުހިންމެވެ. ސަރުކާރުންވެސް ވަނީ މިކަން ހައްލުކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭރު ފައިސާގެ އިންފްލޯ އިތުރުކޮށް ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ބޭރު ފައިސާގެ އާ ގަވާއިދުތަކެއް ތައާރަފްކޮށްފައެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކުން ވަނީ މި ގަވާއިދަކީ ތަންފީޒުކުރެވޭނެ ގަވާއިދެއް ނޫންކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ގަވާއިދުތައް ހަދައިގެން ރެގިއުލޭޓް ކުރުމުގެ އިތުރުން ޓޫރިޒަމް ވިޔަފާރިއާ ގުޅިފައިވާ އެސްއެމްއީ ތަކަށް ޓޫރިޒަމް ދާއިރާއިން އޮންނަ ވިޔަފާރި ފުރުސަތުތައް ފުޅާކުރުމުގެ މަސައްކަތްވެސް އިތުރުކުރުން މުހިންމެވެ. ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ހިދުމަތްތަކާއި ސަޕްލައި ހޯދުމަށް ބޭރުގެ ފަރާތްތަކަށް އޮންނަ ބަރޯސާވުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަކީ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރުވާ ބޭރުފާއިސާ އިތުރުކުރުމަށް އެޅިދާނެ އިތުރު ފިޔަވަޅެކެވެ.

މި ނޫހަށް މައުލޫމާތު ދިން ރާއްޖޭގެ މެދުފަންތީގެ ވިޔަފާރިވެރިއަކު ވިދާޅުވިގޮތުން ޓޫރިޒަމް ދާއިރާގެ ސަޕްލައިއަށް ލޯކަލް މާރކެޓުން ނުވަތަ ދިވެހިން އަދާކުރަމުން އައި ދައުރު މިހާރު ދަނީ ދުވަހުން ދުވަހަށް ހަނިވަމުންނެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ބޭރުގެ ސަޕްލައިއަރުންނަށް ރިސޯޓުތަކުން ބަރޯސާވާވަރު އިތުރުވުމެވެ. އެފަރާތުން ފާހަގަކުރިގޮތުން ބޮޑު އިންސައްތައެއްގެ ރިސޯޓުތަކުގެ ޕްރޮކިއުމެންޓް އަދި ޕާޗޭސިންގ ޑިޕާރޓްމަންޓް ތަކުގެ އިތުރުން އެހެނިހެންވެސް ޑިޕާރޓްމަންޓު ތަކުގެ ހެޑުންނަށް މަސައްކަތް ކުރަނީ ބޭރުމީހުންނެވެ.

އެގޮތަށް އެކަން އޮތުމުން ރިސޯޓުތަކުން ރާއްޖޭގެ އާންމު ބާޒާރުން ލިބެންހުންނަ ތަކެތިވެސް ބޭރުން ގެންނަކަމަށް އެފަރާތުން ފާހަގަކުރިއެވެ. އަދި ކުރިން މާލޭ ބާޒާރުން ދިވެހިން ސަޕްލައި ކުރަމުން އައި އައިޓަމްތައް އަވަށްޓެރި ގައުމުތަކުން މިހާރު ގެންނަމުން ދެއެވެ. މިގޮތަށް މިހެންވުމުން ރިސޯޓަށް ލިބޭ އާމްދަނީގެ ތެރެއިން ރާއްޖޭގެ އިގްތިސާދުގައި ދައުރުވާން ދޫކުރެވޭ ފާއިސާ މިދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އެފަރާތުން ފާހަގަކުރި ގޮތުން ބޭރުމީހުން ރިސޯޓުތަކުގެ މިފަދަ މަގާމުތަކުގައި ތިބޭނަމަ މުސްތަގުބަލުގައި ރާއްޖެއިން އެއްވެސް އެއްޗެއް ނުގަތުންވެސް އެކަށީގެންވެއެވެ. އެހެންކަމުން ގާނޫނަކުންވިޔަސް އަދި ގަވާއިދަކުންވިޔަސް ރިސޯޓުތަކުގެ ޕްރޮކިއުމެންޓް އަދި ޕާޗޭސިންގ ޑިޕާރޓްމަންޓްތަކުގައި ބިދޭސީން ތިބުން މަނާކުރަންޖެހޭ ކަމަށް އެފަރާތުން ފާހަގަކުރިއެވެ.

މި ކަންކަމުގެ އިތުރުން ޓުއަރިސްޓް ރިސޯޓުތަކުގެ ޑައިވް ސެންޓަރުތަކާއި ، ވޯޓާރސްޕޯޓްސް،  ފޮޓޯގްރަފީ ، ޑިޖޭ އަދި މިއުޒިޝަނުން ފަދަ ކަންކަމަށް ބޭރުގެ ފަރާތްތަކުން ދަނީ އަތްގަދަކުރަމުންނެވެ. މި ކަންކަމަކީ ރާއްޖެއިން ފަސޭހަކަމާއެކު ހަމަޖެހެން ހުރިކަންކަން ކަމުގައިވިޔަސް ރިސޯޓު މެނޭޖްމަންޓުގައި ހިމެނޭ ބޭރުގެ ފަރާތްތަކުގެ ނުފޫޒުން ބިދޭސީންނަށް ވަރަށް ގިނައިން ދޫކޮށްލެވޭ ކަންކަމެވެ. ރަނގަޅަށް ފާރަލައި ފިޔަވަޅު ނާޅައިފިނަމަ މުސްތަގްބަލުގައި ރާއްޖޭގައި ހިންގާ ޓޫރިޒަމް ދާއިރާއިން ދިވެހި ޒުވާނުންނަށް އޮންނަ ފުރުސަތު ބަންދުވާނެއެވެ. އެކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ލިބޭ އާމްދަނީގެ ތެރެއިން ރާއްޖޭގެ އިގްތިސާދަށް ދައުރުވުމަށް ދޫކުރެވޭ ބޭރުފާއިސާ އަހަރުން އަހަރަށް ދާނީ މަދުވަމުންނެވެ. އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު