އާދިއްތަ, November 1
ފިޔޯރީ ރައްޔިތުންގެ ކަންބޮޑުވުންތަަކަށް ހައްލު ހޯދައިދޭނަން: ނައިބު ރައީސް

ގދ.ފިޔޯރީގެ ތަރައްގީގެ ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނައިބު ރައީސް ވަނީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފް ރަޝީދާއި، ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ކައުންސިލް ރައީސާއި، ދާއިރާގެ މަޖިލިސް މެންބަރު ވަނީ ފިޔޯރީގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން ނައިބު ރައީސާ މަޝްވަރާ ކުރައްވާފައެވެ.

ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން:

  • ފިޔޯރީގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމާއި، ފިޔޯރީގެ ސޫކޫލުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި.
  • އެ ރަށުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދެއްވުމަށާއި، ސިއްހީ ޚިދުމަތް 24 ގަޑިއިރު ދެވޭ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވި.
  • އޭޓީއެމްގެ ޚިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކައުންސިލް ރައީސާއި، ދާއިރާގެ މަޖިލިސް މެންބަރު ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތީން ފަށްޓަވައިދެއްވި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމުގައި ފާހަގަކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު