Saturday, October 31
ގާނުނުއަސާސީއަށް ގެނައި އިސްލާހުތައް ތަސްދީގުކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނުނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލުން ގާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިސްލާހެއް ގެނަސްފައެވެ.

އެގޮތުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވުނު ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް ވަނީ އިތުރު ކުރެވިފައެވެ.

އެ ހާލަތްތަކަކީ:

  1. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުން.
  2. މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުން.
  3. ޕާޓީއިން ވަކިކުރުން.

ގާނޫނުއަސާސީއަށް ގެނައި އިތުރު އިސްލާހުތައް:

  • 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނައި ބަދަލާއެކު ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން. މި އިސްލާހުގައި ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު.
  • 262 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް ވަނީ 2 ނަންބަރު އިތުރުކުރެވިފައި. މިގޮތުން، ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ޖެހޭ.
  • 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާހުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން. އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މިއިން އިސްތިސްނާވޭ.
  • 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިސްލާހާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަނީ ފުޅާކުރެވިފައި. މިގޮތުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި އިސްލާހުގެ ދަށުން ލިބިދޭ.

މި ބިލު ތަސްދީގުކުރެއްވުމާއެކު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު