Saturday, October 31
ފަލަސްޠީނުގައި ހިނގާ ޤަތުލުއާންމު ހުއްޓުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ރައީސް ވަޙީދުގެ ތަޢުރީފު

ފަލަސްޠީނުގައި ހިނގާ ޤަތުލުއާންމު ހުއްޓުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ތަޢުރީފުކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ކުރީގެ ރައީސް ޑރ. ވަޙީދު ވިދާޅުވީ، ފަލަސްޠީނުގައި ހިނގަމުންދާ ޤަތުލުއާންމު ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މިންނެތް މަސައްކަތަކީ ޚާރިޖީ ސިޔާސަތުގެ ތެރެއިން ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމެއް ކަމަށާއި، ދާދި ފަހުން ސައޫދީ ޢަރަބިއްޔާގައި އޮތް ޢަރަބި އަދި އިސްލާމީ ދައުލަތްތަކުގެ ވެރިންގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ދެއްވި ތަޤުރީރަކީ ފަހަކަށް އައިސް ފަލަސްޠީނުގެ މައްސަލައިގައި އެއްވެސް ޤައުމެއްގެ ރައީސަކު ދެއްވި އެންމެ ވަރުގަދަ އަދި އެންމެ ސާބިތު ޚިޠާބު ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ތާއީދުކުރައްވައި ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށްވެސް ޑރ. ވަޙީދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި، ހުޅަނގުގެ ބައެއް ޤައުމުތަކުގެ އެހީއާއެކު އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ނާތަހުޒީބު، އަނިޔާވެރި އަދި ލަދެއް ނެތް ޢަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައިވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ ކަމަށާއި، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކެކެމުންދާ އުދާސްތަކާއި، ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް ޑރ. މުޢިއްޒު އިހުސާސްކުރައްވައި، ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ސާބިތުކަމާއެކު ފާޅުކުރައްވަމުން ގެންދަވާ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށްވެސް ޑރ. ވަޙީދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު