އާދިއްތަ, November 1
ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ފާސްކޮށްފި

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެންކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި މިހާރު ރާއްޖޭގެ ސަރަހައްދުކަމަށް ބަޔާންކޮށްފައިވަނީ، ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ޖައްވާއި، ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި، އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ސަރަހައްދީ ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި ކަނޑާއި ގުޅިފައިވާ ޖައްވު ކަމަށެވެ.

ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މިއަދު ހުށަހެޅުއްވީ އެ މާއްދާ އަށް (ށ) އިތުރުކުރުމަށެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ.

މި އިސްލާހު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ ފަދަ ކަމެއް މަޖިލީހަށް ފާސްކުރެވޭނީ ހަތަރުބައިކުޅަ ތިންބައި އަގުލަބިއްޔަތުން ކަމަށް ކަނޑައަޅަން ހުށަހަޅައިފައެވެ. އަދި ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ އެއްވެސް ނިންމުމެއް މަޖިލީހަށް ވެސް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން އިސްލާހު ހުށަހަޅުއްވައިފައެވެ. ކޮމިޓީން ވަނީ މި ދެ އިސްލާހު ވެސް ފާސްކޮށްފައެވެ.

ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން މި އިސްލާހުތައް ފާސްކުރީ މިއަދު ހަވީރު 17:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މި އިސްލާހުތައް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކުއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު