އާދިއްތަ, November 1
ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އެ ބޭފުޅަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެވަޑައިގެންފިނަމަ އެބޭފުޅެއްގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ހުށަހަޅުއްވައި، ބިލުގެ ބަހުސް ފަށައި، އިބުތިދާއީ ބަހުސް ކުރިއަށް ގެންގޮސް، ބިލު ބަލައިގަނެ، މުޅި މަޖިލިސް ކޮމިޓީ ބާއްވައި، ކޮމިޓީން ބިލު ފާސްކޮށް މި ހުރިހާ މަރުހަލާއެއް ވެސް ކުރިއަށްގެންދިޔައީ މިއަދުއެވެ.

ކޮމިޓީން މި ބިިލު ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅައި، އެއަށް ބަހުސް ކުރުމަށާއި، ބިލު ފާސްކުރުމަށް ވޯޓަށް އެހުމަށް ހަވީރު 17:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ 75 މެންބަރުންގެ ވޯޓާއެކުއެވެ.

މި އިސްލާހުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކޮށްގެން އިންތިޚާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެނަމަ އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެވެ.

މީގެއިތުރުން މެންބަރަކު މިހާރު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ ގޮނޑި ގެއްލޭނެކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު