އާދިއްތަ, November 1
ސީ ޓު އެއާ ކާގޯ ޚިދުމަތާ އިތުރު އެއާލައިނަކުން ގުޅިއްޖެ

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ ސީ ޓު އެއާ ކާގޯގެ ޚިދުމަތާ އިތުރު އެއާލައިނަކުން ގުޅިއްޖެއެވެ.

ސީ ޓު އެއާ ކާގޯ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގުޅިގެން ފޯރުކޮށްދޭ މި ޚިދުމަތް ފެށީ މިދިޔަ މާޗުމަހުގައެވެ.

މި ޚިދުމަތާ އަލަށް ގުޅުނީ މެލޭޝިޔާގެ ވޯލްޑް ކާގޯ އެއާލައިނުންނެވެ.

ޚިދުމަތް ފެށުމުގެ ގޮތުން އެ އެއާލައިނުން ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި އަންނައުނުގެ ބާވަތްތައް ޔޫރަޕްގެ އެކި ގައުމުތަކަށް ގެންގޮސްފައެވެ.

މެލޭޝިޔާގެ ވޯލްޑް ކާގޯ އެއާލައިނުން މި ޚިދުމަތާ ގުޅިފައިވާއިރު، މިހާތަނަށް ޖުމްލަ 12 އެއާލައިނަކުން ވަނީ މި ޚިދުމަތާ ގުޅިފައެވެ.

ދާދިފަހުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވި ގޮތުގައި ސީ ޓު އެއާ ޚިދުމަތުގެ ތެރެއިން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް ވަދެފައެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިގުތިސާދަށް ބޮޑު މަންފާއެއް ކުރާނެ ސިނާއަތެއްކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ކަނޑު މަގުން ރާއްޖެ އައި 210 ކޮންޓެއިނަރުން 1008000 ކިލޯގެ މުދާ ވަނީ ދުނިޔޭގެ އެކި ގައުމު ތަކަށް ވައިގެ މަގުން ފޮނުވިފައެވެ. މުދާ ފޮނުވޭ ގައުމު ތަކުގެ ތެރޭ، އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު