Saturday, October 31
ތިނަދޫ ސިޓީއާއި ފެލިވަރުގައި ހަދަމުންދާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ

ގދ.ތިނަދޫ ސިޓީގައި ބިނާކުރަން ފަށާފައިވާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް އަންނަ އަހަރު ނިންމައި މަސް ގަންނަން ފެށޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހު މިނިސްޓަރ އަޙުމަދު ޝިޔާމް ވަނީ ތިނަދޫއަށް ޒިޔާރަތް ކުރައްވާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލާފައެވެ.

މިފްކޯއިން ގދ.ތިނަދޫގައި މަސް ރައްކާކުރެވޭ ފެސިލިޓީއެއް ޤާއިމުކުރުމަށް 19 ނޮވެމްބަރ 2019 ގައި އިއުލާނުކޮށް،، މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ.

މި ފެސިލިޓީގެ އަމަލީ މަސައްކަތް 12 ޖުލައި 2023 ފަށާފައި ވީނަމަވެސް އެކި ސަބަބުތަކާހުރެ މި މަސައްކަތް ވަނީ ކުރިޔަށް ގެންދެވޭ ގޮތް ނުވެފައެވެ. މިކަމާ ގުޅިގެން އެ ފެސިލިޓީގެ މަސައްކަތް އަވަސްކޮށްދިނުން އެދި މަސްވެރިންގެ ވުޒާރާއިން ވަނީ ސަރުކާރުގެ ކަމާގުޅޭ ވެރިންނ ބައްދަލުކޮށް މި މަސައްކަތް އަވަސްކޮށްދިނުމަށް އެދި މަޝްވަރާކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ މި ފެސިލިޓީގެ މަސައްކަތް އަންނަ އަހަރަށް ނިންމައި ހުވަދު އަތޮޅު ދެކުނުބުރީގައި އެންމެ އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ ކޯލްޑް ސްޓޯރޭޖަށް މި ފެސިލިޓީ ހެދުން ކަމުގައި މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފެލިވަރުގައި ކުރިޔަށް ގެންދާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖު އިތުރުކުރުމުގެ މަޝްރޫއުވެސް މި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިހާރު ފެލިވަރުގައި ރައްކާކުރެވެނީ 750 ޓަނުގެ ގަނޑުފެނެވެ. މި ޕްރޮޖެކްޓް ނިމޭއިރު ފެލިވަރުގައި ޖުމްލަ 4750 ޓަނުގެ ގަނޑުފެން ރައްކާ ކުރެވޭނެއެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ.

މި ދެ މަޝްރޫއުގެ މަސައްކަތް ނިމުމުން މަސްކިރުވުމުގައި މިހާރު ދިމާވާ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު