އާދިއްތަ, November 1
ޢަބްދުއްރަޙީމްގެ ރައްދު: ސަރުކާރަށް ތާއީދު އެބައޮތް، ސިޔާސީ ހިސާބު ޖަހާކަށް ޔާމީނަކަށް ނޭނގޭނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތާއީދު ނެތްކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކަވާ ވާހަކަފުޅުތަކަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރައްދު ދެއްވައިފިއެވެ.

އާންމު ރައްޔިތުންގެ ތެރެއިން ދިހަވަރަކަށް މީހުން ނަގާފައި އަހާލިޔަސް، އެ ދިހަ މީހުން ވެސް ބުނާނީ މި ސަރުކާރު ކަމަކު ނުދާ ވާހަކަ ކަމަށާއި، މި ސަރުކާރާމެދު ހިތްހަމަނުޖެހޭ ވާހަކަ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސަންގު ޓީވީއިން ކުރިއަށްގެންދާ ޚާއްސަ ކަވަރޭޖުގައި އެކަމާ ގުޅިގެން ސުވާލު ކުރުމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސީ ހިސާބެއް މިހާތަނަށް އަދި ދިމާވެފައިނުވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި، 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށް ޖައްސަވައިގެން ހުންނެވި ހިސާބުތައް ވެސް ދިމާނުވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެހެންވީމަ ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާނެ ރާއްޖޭގެ ސިޔާސީ މަސްރަހުގަ ހިސާބު ޖައްސަވާކަށެއް. ރައީސް ޔާމީނަކަށް ރާއްޖޭގެ ސިޔާސީ މަސްރަހު އެނގިވަޑައެއް ނުގަންނަވާ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ ސިޔާސީ މަސައްކަތަކީ އާންމު ރައްޔިތުންގެ އިހުސާސްތައް އެނގޭ މީހުންނަށް އެނގޭ އެއްްޗެއް ކަމަށެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވި ނަމަވެސް، ޕީއެންސީއަށް މެންބަރުން ވަންނަމުންދާ ދިއުމުން ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު އޮތް މިންވަރު ފެނިގެންދާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރޭގައި އެންމެ ތާއީދު ބޮޑު ލީޑަރަކީ ރައީސް ޑރ. މުޢިއްޒު ކަމަށް ވެސް ޕީއެންސީގެ ޗެއާޕާސަން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު