އާދިއްތަ, November 1
އަޅުގަނޑާ ރައީސް ޑރ.މުޢިއްޒާ ދޭތެރޭގައި މައްސަލަ ދިމާވާނެ ދުވަހެއް ނާންނާނެކަން %100 ޔަގީން: ޢަބްދުއްރަޙީމް

އެމަނިކުފާނާައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދޭތެރޭގައި މައްސަލަ ދިމާވާނެ ދުވަހެއް ނާންނާނެކަމީ %100 ޔަގީންކަމެއް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސަންގު ޓީވީއިން ކުރިއަށްގެންދާ ޚާއްސަ ކަވަރޭޖުގައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، އެންމެ އެކުގައި ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންގެ މެދުގައި މައްސަލަތައްޖެހި، ވަކިވެވަޑައިގަންނަވާ ހިސާބަށް ގޮސްފައިވާ ތަން ވަނީ ފެނިގެންގޮސްފައެވެ.

އޭގެތެރޭގައި:

  • ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދި، ޔާމީންގެ ވެރިކަމުގައި މައުމޫން ޖަލަށްލާފައިވޭ.
  • ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި މައްސަލަ ޖެހި، ނައިބު ރައީސްކަމުން ޑރ.ޖަމީލް ވަކިކުރައްވަން ނިންމެވި.
  • ޔާމީންގެ ދެވަނަ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ މައްސަލަތައް ޖެހުނު، އެންމެ ފަހުން އަދީބު ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލާގައި ޔާމީނާ ދެކޮޅަށް ކޯޓުގައި ހެކިބަސް ވެސް ދެއްވާފައި.
  • މިދިޔަ ރިޔާސީ ދައުރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އޭރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އާޚިރުގައި ދެ ބޭފުޅުން ވަނީ އެކުގައި މަސައްކަތް ކުރެއްވުން ދޫކޮށްލައްވައި، ވަކިވެވަޑައިގެންފައި.

އެ ގުޅުންތަކެކޭ އެއްފަދައިން ރައީސް ޑރ. މުޢިއްޒާއި ޢަބްދުއްރަޙީމާ ދެމެދު ވެސް މައްސަލަ ޖެހިދާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ރައީސް ޑރ.މުޢިއްޒާ ދޭތެރޭގައި އޮތް އިތުބާރަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށްދެވޭނެ ކަމުގެ %100 ޔަގީންކަން އެބައޮތް ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި އެބޭފުޅުންނަށް ދިމާވީ އަމިއްލަ އެދުމުގެ މައްސަލައެވެ.

މިސާލަކަށް ޑރ.ޖަމީލް، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ވެރިކަމަށް ވަޑައިގެންތާ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި ވެރިކަމަށް ދަހިވެތިވެގެން ވެރިކަމަށް މަސައްކަތް ފެށްޓެވި ވާހަކަ ރައީސް ޔާމީން ވިދާޅުވީ. އެ ތުހުމަތުގަ ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން ޑރ.ޖަމީލު ވަކިކުރެއްވީ.

ދެން އަދީބާއި ރައީސް ޔާމީނާ ޖެހުނު މައްސަލައަކީ ވެސް އެއީ. ވެރިކަމުގެ މައްސަލަ. ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒާއެކު ކުރިއަށްދެވޭނެ ކަމުގެ އެހާ ބޮޑު ޔަގީންކަމެއް އޮތް ސަބަބަކީ އޭނާއަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރައްވަން އެއްވެސް ޒަމާނެއްގައި ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި، އެކަމާ ވިސްނަވާ ބޭފުޅެއް ވެސް ނޫން ކަމަށާއި، އެކަމުގެ ޚިޔާލެއް ވެސް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ހުރި މަގުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ކުރިއަށްގެންދިއުމަށް އެމަނިކުފާނަށް އެހީތެރިވެދެއްވުން ކަމަށެވެ. އަދި އެ ވެރިކަން ކާމިޔާބުކަމާއެކު ކުރެވިއްޖެނަމަ، އިތުރު ފުރުސަތެއް [ދެވަނަ ދައުރެއް] ވެސް އެމަނިކުފާނަށް ހޯދައިދެއްވުން ކަމަށެވެ.

އަޅުގަނޑާ ރައީސް މުޢިއްޒާ ދޭތެރޭގަ މައްސަލަ ދިމާވާނެ ދުވަހެއް ނާންނާނެ. ކުރިއަށްދާނީ އިތުބާރާ ޔަގީންކަމާއެކީގައި ގުޅިގެންކަން ފާހަގަކުރައްވައި ޕީއެންސީގެ ޗެއާޕަސަން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު