އާދިއްތަ, November 1
ރައީސް ޑރ.މުޢިއްޒު، ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލު ރައްކާތެރިކޮށްދެއްވައިފި: ޝިޔާމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލު ރައްކާތެރިކޮށްދެއްވައިފި ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ، އިއްޔެ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ޝިޔާމް ވިދާޅުވީ، ނިމިގެން މިދިޔަ 1 އަހަރު ދުވަހު، ދިވެހި ރައްޔިތުންނަށާއި މުޅި ދުނިޔެއަށްވެސް ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވީ އެމަނިކުފާނުގެ ކޮންމެ ނިންމެވުމަކީވެސް ވަކި ފަރާތެއްގެ ނުފޫޒަކަށް ބޯލެނބުމެއް ނެތި ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުގައި ނިންމަވާ ނިންމެވުމެއް ކަމަށެވެ. އަދި ރައީސް، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށްދެއްވައިފި ކަމަށެވެ.

"އިނދަޖެހިފައިވާ އިޤްތިޞާދަކާއެކު އެމަނިކުފާނުގެ ޒަޢާމަތު ފައްޓަވައި، މާލީ ގޮތުން ދަތި އުނދަގޫ އަހަރަކާ ކުރިމަތިލައްވައި، ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނެތި، ޙިކުމަތްތެރިކަމާއެކު އެމަނިކުފާނު އެގެންދަވަނީ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުން" ޝިޔާމް ވިދާޅުވި އެވެ.

މިއީ މީގެ ކުރިން ދިވެހިރާއްޖޭގެ އެއްވެސް ވެރިއެއްގެ ފަރާތުން ފެނުނު ސާބިތުކަމެއް ނޫންކަމާއި، ބަލާލި ކޮންމެ ސިނާޢަތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މައްސަލަތަކަށް އެމަނިކުފާނު އެގެންދަވަނީ ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ޖުމްލަ ޙައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަދި ވަކިން ޚާއްޞަކޮށް މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތައް ޙައްލުކޮށް، މި ސިނާޢަތް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި އެމަނިިކުފާނު ނިންމަވައި ހަރުދަނާ ނިންމެވުންތަކަށާއި، ދެއްވާ އިރުޝާދުފުޅުތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނަށް ޝުކުރު ދަންނަވަންކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

"ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވައި ފާއިތުވެދިޔަ 52 ހަފްތާގައި ހޯއްދެވި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނުހަނު އިޚްލާސްތެރިކަމާއެކު މަރުޙަބާ ދަންނަވަން." ޝިޔާމް ވިދާޅުވި އެވެ

އަދި އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ދިވެހީންގެ ރާއްޖެ ދިވެހީން އެދޭގޮތަށް ތަރައްޤީވެގެންދާނެ ކަމަށާއި، އެމަނިކުފާނުގެ ޙިކުމަތްތެރި ފިޔަވަޅުތަކާއެކު ކުރިއަށް އޮތީ ދިވެހި ރައްޔިތުންނަށް ވަރަށްވެސް އުފާވެރި އުޖާލާ ދުވަސްތަކެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު