ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިކަމަށްޓަކައި ޤައުމީ ދާރުލްއާސާރުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޤައުމިއްޔަތު ދިރުވިގެންދިއުމުގެ ސަބަބުން ދިވެހީންގެ ފަސްގަނޑާއި ދިވެހީންނާއި ދިވެހި ދައުލަތް ރައްކާތެރިކުރުމުގެ ޢިލްމީ ފިކުރު ދިވެހީންގެ ވިސްނުމުގައި އަށަގަނެވިގެންދާނެ ކަމަށާއި، އެހެންކަމުން ދިވެހި ޤައުމިއްޔަތުގެ ޢިލްމަކީ ދިވެހީން ދެމިތިބުމާ ގުޅިފައިވާ ޢިލްމެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިޔަތުގެ އިސްވަރުގެ އޮފީސް ހުޅުވިގެންދިއުމުން ޤައުމިއްޔަތު ދިރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަލުއިވެގެންދާނެކަމަށް ވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ރަސްމީކޮށް ފެށުމަކީ ދިވެހި ޤައުމިއްޔަތަށް ހޭލުންތެރި އައު ޒަމާނެއް އައުންކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ބަހުގެ ވުޒާރާގެ ފަރާތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ޙާޞިލްކޮށްފައިވާ ކާމިޔާބީތައް ހިމެނޭ "ޚިދުމަތުގެ 52 ހަފުތާގެ ފޮތް" ނެރެދެއްވާފައެވެ.
ގައުމިއްޔަތާ ގުޅޭ ދިރާސާތައް ކުރުމަށް ސަރުކާރުން “ދިވެހި ގައުމިއްޔަތުގެ އިސްވަރު” ގެ ނަމުގައި ޚާއްޞަ ކޮލެޖެއް އިފުތިތާހު ކޮށްފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ސަރުކާރުން މި ކޮލެޖު އުފެއްދި މައިގަނޑު ސަބަބަކީ މިހާރު ނެތެމުންދާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ޒުވާން ޖީލުތަގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.
މި ކޮލެޖު އެކުލެވިގެން ވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ، ދިވެހި ބަހުގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.
އެ އިން ކޮންމެ ދާއިރާއަކަށް މިއަދުގެ ޖަލްސާގައި ރައީސް ވަނީ އިސް ބޭފުޅުން އައްޔަންކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ މި ކޮލެޖުގެ ކައުންސިލްގައި ތިއްބަވާނެ ފަސް ބޭފުޅުންނެވެ. އެއީ؛
• މަރިޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް (ދިވެހި ބަހުގެ އިސްވާރު)
• ކަށިމާ އަހްމަދު ޝާކިރު، މއ. ކަށިމާ (ދިވެހި ތާރީހުގެ އިސްވާރު)
• ހަސަން ޒަރީރު، ލޮނުފެން، ސ. މަރަދޫ (ދިވެހި ތަރިގައިގެ އިސްވާރު)
• މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތޭރެގެ (ދިވެހި ސުމޭކުގެ އިސްވާރު)
• މަރިޔަމް އިޝާ އަޒީޒް، ހ. ހާދި (ދިވެހި ފަންނުގެ އިސްވާރު)
“މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ މެންބާޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް.” މި ކޮލެޖާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
މި ކޮލެޖުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ޤައުމިއްޔަތާއި ސަގާފަތާއި ތަރިކަ ދިރުވައި އާލާކޮށް މި ކަންތަކާ ބެހޭ ޚާއްޞަ ދިރާސަތައް ހެދުމެވެ.
މި ލިޔުން ކިޔާލުމުން