ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު ބާއްވާ ޙަފްލާގައި ދެވޭ އެވޯޑު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ކަރުދާހުގައިވާ މިންގަނޑުތަކާ އެއްގޮތަށް އެވޯޑް ފަރުމާކޮށް، 20 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން fisheriesmanagement@fisheries.gov.mv އަށް ފޮނުއްވުމަށެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޝިޢާރަކީ 'މަސްވެރިކަމުގެ ސިނާޢަތު ސިންދަފާތުކުރުމުގައި ޒުވާނުންގެ ބައިވެރިވުން (Engaging Youth in Diversifying the Fisheries Sector)' އެވެ. ހުށަހަޅާ ޑިޒައިނަކީ މި އަހަރުގެ ޝިޢާރު ރަމްޒުކޮށްދޭ ޑިޒައިނަކަށް ވާންޖެހޭނެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން ޑިޒައިން އިޚްތިޔާރު ކުރުމުގައި ޒަމާނުއްސުރު ދެމެހެއްޓެނިވި ގޮތުއްގައި ދިވެހިން ކުރަމުން އައިސްފައިވާ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ޒަމާނީ އަދި އިޖާދީ ހުށަހެޅުންތަކަށް އިސްކަންދެވޭނެއެވެ.
ހުށަހަޅާ ހުށަހެޅުންތަކުގައި ޑިޒައިންކޮށްފައިވާ އެވޯޑުގެ ދިގުމިނުގައި މަދުވެގެން 1 ފޫޓް ހުންނަންވާނެއެވެ. އަދި 1.5 ފޫޓްއަށްވުރެ އެވޯޑް ދިގުވެގެން ނުވާނެވެ.
މި އިޢުލާނަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިންސާފުކުރާނީ އެ ވުޒާރާއިން އައްޔަނުކުރާ ޕެނަލަކުންނެވެ. ޕެނަލްގެ މެންބަރުން އިންސާފުކުރުމުގައި ބަލާނީ ތިރީގައިވާ ކަންތައްތަކަށެވެ.
• ފަރުމާކޮށްފައިވާ ޑިޒައިނުން ޒަމާނުއްސުރެ ދިވެހިން ކުރަމުން އައިސްފައިވާ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަށް ސިންދަފާތުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ރަމްޒުކޮށްދޭ މިންވަރު (50 މާކްސް)
• ފަރުމާކޮށްފައިވާ ޑިޒައިނުން ޒުވާނުން މަސްވެރިކަމުގެ ސިނާތަށް އަހުލުވެރި ކުރުވުމާއި، ޒުވާން މަސްވެރި ޖީލެއް އުފެއްދުމުގެ މުހިންމުކަން ރަމްޒުކޮށްދޭ މިންވަރު (30 މާކްސް)
• ފަރުމާކޮށްފައިވާ ޑިޒައިނުން ޒަމާނީ އަދި އީޖާދީ ނަޒަރަކުން މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުވާލައިފައިވާ މިންވަރު (20 މާކްސް)
އެންމެ މަތިން މާކްސް ލިބޭ ޕްރޮޕޯސަލަކަށް މަދުވެގެން %75 މާކްސް ލިބެންވާނެއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެންމެ މަތިން މާކްސްލިބިގެން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދޭ އެވޯޑްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ޑިޒައިން ފަރުމާކުރި ފަރާތަށް 15,000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
މި ލިޔުން ކިޔާލުމުން