Saturday, November 14
ވެރިކަމަށް އަހަރެއް – ގާނޫނީ ހުކޫމަތު ހިނގާކަމުގެ އިހުސާސް ކުރެވުނު އަހަރެއް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް މިއަދު ފުރުނީ އެއް އަހަރު ދުވަހެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަން ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނިކުމެ ފުރިހަމަ ކާމިޔާބެއް ހޯއްދަވައިގެން ފެއްޓެވި ރިޔާސީ ދައުރު ފެށުނުތަނާހެން ޕާޓީގެ ރައީސް، ރައީސް ޔާމީން މުއިއްޒުއާއި ފެއަށް ޖެހިވަޑައިގަތެވެ. ނަމަވެސް ފަހަތަށް ބެލުމެއްނެތި ބޯމަތިވެފައި އޮތް މަޖިލިސް އިންތިހާބުވެސް ރައީސް ޔާމީނާއި ނުލައި ކާމިޔާބު ކުރެއްވިއެވެ.

އިންތިހާބުގައި ދިވެހީންގެރާއްޖެ އަކަށް ވާސިލުވުމަށް ބޭނުންކުރި ޝިއާރާއެކު ނަވާރަ ބާބެއް ހިމެނިފައިވާ ތަރައްގީގެ ތަސައްވުރެއް ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްކެވިއެވެ. މުހިންމު އެއް ކަމެއްގެ ގޮތުގައި ގާނޫނީ ހުކޫމަތު ހިނގާ އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ވައުދު އޮތެވެ. މިއަދު ވެރިކަމަށް އެއް އަހަރު ފުރުނު އިރު ރާއްޖޭގައި ގާނޫނީ ހުކޫމަތު ހިނގާކަމުގެ އިހުސާސް ކުރެވުނު ކަންކަން މި އެއް އަހަރު ތެރޭގައި ވަނީ ފެނިފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތައް

ރާއްޖޭގައި ބޮއްސުންލާފައި އޮތް ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އެއްކޮށް ހައްލުކުރުމަށް އަމާޒު ހިފައި މި އަހަރުތެރޭގައި މިވަނީ ވަރުގަދަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައެވެ. ބައެއްފަހަރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުވެސް މަގުތަކަށް ނިކުމެ ފެއްޓެވި މި މަސައްކަތުން ގާނޫނު ތަންފީޒު ކުރާކަމުގެ އިހުސާސް ގިނަބަޔަކަށް ކުރެވުނެވެ. ކުރިން ފާޅުގައި ގަވާއިދާ ހިލާފަށް  މާލޭގައި މިނިވަންކަމާއެކު އުޅެމުން އައި ބިދޭސީންތައް އިމިގްރޭޝަން އޮފިސަރުންތައް ފެނުމުން މާލޭގެ މަގުތަކުގައި ފިލަން ދުވި މަންޒަރުވެސް ފެނުނެވެ. އިމިގްރޭޝަން ގާނޫނު ތަންފީޒު ކުރެވެމުން ދިޔަތަން ފެނުމަކީ އާންމު ރައްޔިތުންގެ ތައުރީފު ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމެކެވެ.

މި ދިޔަ ފަނަރަ ވަރަކަށް އަހަރުތެރޭގައިވެސް ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅިފައި ނުވާ އަވަސް ފިޔަވަޅުތަކެއް މި ދިޔަ އެއް އަހަރުތެރޭގައި އެޅުނުތަން ފެނުނެވެ. ހައްދެއް ބިރެއް ނެތި  މާލޭގައި ބިދޭސީން ކުރަމުން އައި ގަވާއިދާއި ހިލާފު  ވިޔަފާރިތައް އިމިގްރޭޝަނުން އަންނަނީ ހުއްޓުވަމުންނެވެ. ވިސާނެތި ނުގަވާއިދުން އުޅޭ ބިދޭސީން ހޯދައި ފިޔަވަޅުތައް އަޅަމުން ދެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅުނު ފިޔަވަޅުތަކުން ގާނޫނުގެ ހުކޫމަތު ހިނގާ ކަމުގެ އިހުސާސް ހަމަގައިމުވެސް އެބަކުރެވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮރަޕްޝަން ނައްތާލުމަށް އެޅި ފިޔަވަޅު

މާފުށީ ޖަލުގައި ފޯނާއި މަސްތުވާތަކެތި އަދި އެހެނިހެންވެސް މަނާ ތަކެތި ގެންގުޅޭ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. ނަމަވެސް މައްސަލަ ހައްލުކުރަން އެޅިފައިވާ ފިޔަވަޅުތައް ވަރަށްވެސް މަދެވެ. ނަތީޖާއަކަށް ވެފައި އޮތީ ޖަލުގައި ތިބޭ ގައިދީން ބައިވެރިވާ ކުށްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމެވެ.

މިކަމަށް ހައްލު ހޯދުމަށް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުންގެ ތެރެއިން އެހީތެރިވާ ފަރާތްތައް ހޯދުމަށް ފުލުހުންވަނީ ޚާއްސަ ބޮޑު އޮޕަރޭޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި ވަނީ 13 މީހަކު ހައްޔަރުކޮށް ދައުވާކުރުމަށް ފޮނުވާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް މުވައްސަސާއަކުން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ހައްޔަރުކޮށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. މުޅި މުވައްސަސާއަށް ގުޑުން އައި މި އޮޕަރޭޝަނުންވެސް ގާނޫނުގެ ހުކޫމަތު ހިނގާ ކަމުގެ އިހުސާސް ކުރެވުނެވެ. ސަބަބަކީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް މިފަދަ އޮޕަރޭޝަނެއް ހިންގާނެ ކަމުގެ ބިރުވެރިކަން އޮތުމެވެ. ގާވާއިދާ ހިލާފަށް ކުރާ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމުގެ ބިރުވެތިކަން އޮތުމެވެ. އަދި ޖަލުގަައި ތިބޭ ގައިދީން ހިންގާ ކުށްތައް ނިސްބަތުން މަދުކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ސްކޭމް ކޯލުތައް މަދުވިކަން ވަނީ ފާހަގަކުރެވިފައެވެ.

އެކްސިޑެންޓްތައް ގިނަވުމުން ބާރަށް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އެންގުން

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުމާ ގުޅިގެން ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަން ތަންފީޒުކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިއެވެ. އަދި ރޭސިން އާއި  ޑްރިފްޓިންއަށް ހުޅުމާލެއިން ވަކި ސަރަހައްދެއް ބޭނުންކުރުމަށް އެޗްޑީސީން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިއެވެ. މި ފިޔަވަޅު ތަކުގެ ސަބަބުން މިފަދަ ހާދިސާތަކަކީ ސަރުކާރުން ސީރިއަސް ލެވެލްގައި ފިޔަވަޅު އަޅާނެ ހާދިސާތައް ކަން އެނގެއެވެ.

ރައީސްގެ މި އެންގެވުމާ އެކު ހުޅުމާލެ އަދި މާލޭގެ ޓްރެފިކް ފްލޯރ ބެލެހެއްޓުމުގައި ފުލުހުން ވަރަށް ބޮޑަށް އިތުރުކުރިއެވެ. މަގުތައް ބަލަހައްޓަން ތިބޭ ފުލުހުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވިކަން ފުލުހުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

 

މި ކަންކަމުގެ އިތުރުން ވޭޕް ކުރުން ރާއްޖޭގައި ކޮންޓްރޯލް ނުކުރެވި އާންމުވުމާއި ގުޅިގެން ގާނޫނަށް ބަދަލު ގެނެސްގެން އަޅާފައިވާ ފިޔަވަޅުތަކާއި ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ،އާސަންދަ ރިފޯމްކުރަން ފަށާފައިވާ މަސައްކަތް އަދި  ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވަމުން ދާތީވެ ގެނައުމަށް މަސައްކަތްކުރާ ބަދަލުން ކަންކަން އިސްލާހު ކުރުމަށް ނިމުނު އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތް ފެށިފައިވާ ކަމަށް ފެނެއެވެ.

މިފަދަ ގިނަ ކަންކަމަކީ ގާނޫނުތަކާއި ގަވާއިދުތައް ކުރިންސުރެ ހެދިފައިވިޔަސް ތަންފީޒު ނުކުރެވުމުގެ ސަބަބުން ހައްލު ނުލިބިހުރި މައްސަލަތަކެވެ. ނަމަވެސް މިހާރު ތަންފީޒު ކުރެވެން ފެށުމުން މި އެއް އަހަރުގެ ތެރޭގައި ގާނޫނުގެ ހުކޫމަތު ހިނގާކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު