އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވިއްކާ 1،000 އެމެރިކާ ޑޮލަރު ދޫކުރުމުގެ އުސޫލު އިތުރަށް ހަރުދަނާކޮށް، ދިވެހިން ޢާންމުކޮށް ބޭސްފަރުވާއަށް ދާ ހަ ޤައުމަކަށް ދާ ފަރާތްތަކަށް އެކަނި ޑޮލަރު ވިއްކާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނީ، މިއަދުން ފެށިގެން އަމިއްލަ ޚަރަދުގައި ފަރުވާ ހޯދަން ދާ ފަރާތްތަކަށް 1،000 ޑޮލަރު ވިއްކާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މި ނިންމުން ނިންމީ ބޭސްފަރުވާގެ ބޭނުމަށް ރައްޔިތުންނަށް ދޫކުރާ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާއެއްކަން ކަށަވަރުކުރުމާއި، ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ހިމާޔަތްކުރުމުގެ މަޤްޞަދުގައި ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
މި އުސޫލުގެ ދަށުން ވެސް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ކުރިއެކޭ އެއްފަދައިން ބޭންކުތައް މެދުވެރިކޮށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ. އަދި އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ފަރުވާއަށް ދާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ 2،000 އެމެރިކާ ޑޮލަރު، އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ރާއްޖެއިން ބޭރަށް ފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އާސަންދައިގެ ދަށުން ދާ ފަރާތްތަކަށް 2،000 ޑޮލަރާއި އަމިއްލަ ޚަރަދުގައި ދާ ފަރާތްތަކަށް 1،000 ޑޮލަރު ވިއްކަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެންނެވެ. ނަމަވެސް، މި ލުޔާއެކު ފާއިތުވި އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި މި ބޭނުމަށް ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު ޢަދަދެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ޚަރަދުވެފައިވަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ ފަރާތްތަކަށް ކަމަށްވާއިރު، މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް އެކަނިވެސް އެ ފަރާތްތަކަށް 29.2 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.
އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި މި ޢަދަދު ތިން ގުނައަށް އުފުލިގެން ދިއުމަކީ، ޞިއްޙީ ފަރުވާގެ ނަމުގައި ނަގާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން އުފެދުނު މައިގަނޑު ސަބަބެވެ. އެހެންކަމުން، މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިމާޔަތްކުރުމަށާއި، ޙަޤީޤަތުގައިވެސް ބޭސްފަރުވާއަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ޑޮލަރު ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.






