ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްގީކުރާ އެއްވެސް އިމާރާތެއް ނުވަތަ ޕްރޮޕަޓީއެއް އިސްރާއީލުގެ ރައްޔިތުންނަށާއި އެ ޤައުމާ ގުޅުންހުރި ކުންފުނިތަކަށް ނުގަނެވޭނެ ގޮތަށް ހަރުދަނާ އުސޫލުތަކެއް އެކުލަވައިލާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިކަން ހާމަކުރެއްވީ އިއްޔެ ލިންކްޑްއިންގައި އާންމުކުރެއްވި ލިޔުމެއްގައެވެ. އެ ލިޔުމުގައި މިނިސްޓަރު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދާ ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެސް ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބިން އެއްކޮށް މިލްކުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، ބިން ދޫކުރާނީ ކަނޑައެޅޭ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ހުއްދަދެވޭ ފަރާތްތަކަށް ހަމައެކަނި ކުއްޔަށް (ލީސް) ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި، ހިއްސާދާރުންނާއި، ފައިނޭންސްކުރާ ފަރާތްތަކުގެ އިތުރުން ސޭލްސް އޭޖެންޓުންގެ ގޮތުގައި ވެސް އިސްރާއީލާ ގުޅުމެއް އޮތް އެއްވެސް ފަރާތެއް ނުހިމެނޭކަން ކަށަވަރުކުރާނެއެވެ. އަދި ޕްރޮޕަޓީ ގަންނަ ކޮންމެ ފަރާތަކުން ވެސް އެ މީހެއްގެ މިހާރުގެ އަދި ކުރީގެ ރައްޔިތުކަމުގެ މަޢުލޫމާތު ފުރިހަމައަށް ހާމަކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައްހަ ނޫން މަޢުލޫމާތެއް ދީފިނަމަ އެއްބަސްވުން ބާތިލުކޮށް، ދައްކާފައިވާ ފައިސާއާއި ޕްރޮޕަޓީ ދައުލަތަށް ނެގޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވަކި ޤައުމަކަށް ނިސްބަތްވާ ފަރާތްތަކަށް ނުވަތަ ވަކިވަކި ފަރުދުންނަށް ގަނެވޭނެ ޕްރޮޕަޓީގެ އަދަދު ލިމިޓުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައެވެ. ނަމަވެސް، މި މަނާކުރުން އޮތީ ހަމައެކަނި ޕާސްޕޯޓަށް ކަމަށްވާތީ، ދެ ޤައުމެއްގެ ރައްޔިތުކަން އޮންނަ އިސްރާއީލު މީހުންނަށް އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރަސްމާލެ މަޝްރޫޢުގެ ތެރެއިން ޕްރޮޕަޓީ ގަންނައިރު ޤައުމިއްޔަތު ކަށަވަރުކުރުމަކީ މި މައްސަލަ ހައްލުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެއާއެކު، މި މަޝްރޫޢުގެ ކޮންމެ ފިޔަވައްސެއްގައި ވެސް ދިވެހިންނަށް ހާއްސަ އިސްކަމެއް ދީގެން ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ މަގު ފަހިކޮށްދޭނެ ކަމަށާއި، ބިދޭސީންނަށް ކަނޑައަޅާ އެއްވެސް ލިމިޓެއް ދިވެހިންގެ މައްޗަށް ނުހިނގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އީގަލް ހިލްސް އިން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ ސީދާ އިންވެސްޓްމަންޓަކާއެކު ފެށޭ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. ނަމަވެސް، މި މަޝްރޫޢުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.






