Tuesday, October 13
351 ޒުވާނުންނާ އެކު ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 4 ވަނަ ބެޗު ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު (ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ) ގެ 4 ވަނަ ބެޗު 351 ދިވެހި ޒުވާނުންނާ އެކު ޅ. މާފިލާފުށީގައި މިއަދު ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދަނީ ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ. 14 ހަފުތާގެ މުއްދަތަށް ހިންގާ މި ބެޗުގައި ބައިވެރިވަނީ ސެލެކްޝަން މަރުހަލާ ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 287 ފިރިހެން އަދި 64 އަންހެން ޒުވާނުންނެވެ. މި ބައިވެރިންނަކީ ރާއްޖޭގެ 20 އަތޮޅަކުން 126 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ.

ވަޠަނީ ޚިދުމަތުގެ ހަތަރުވަނަ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނާ ކަޅުތުއްކަލާކޮށީގައި ބައްދަލުކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން ފުރިހަމަ ވަސީލަތްތަކާއެކު ހިންގާ މި ޕްރޮގްރާމުގެ ބަދަލުގައި އެދެވޭ ރަނގަޅު ނަތީޖާއެއް ނެރުމަށް ކޮންމެ ދަރިވަރަކުވެސް އަޒުމު ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ.

ޙިލްމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މި ޕްރޮގްރާމް ފެއްޓެވުމުގެ މައިގަނޑު މަގުސަދަކީ ޤައުމުދެކެ ލޯބިވާ، އަހުލާގު ރަނގަޅު، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް، ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ސެޓްފިކެޓް އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް ފަދަ ޤައުމީ ފެންވަރުގެ ސަނަދުތައް ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިހާތަނަށް އަސާސީ ތަމްރީނުގެ ތިން ބެޗަކުން 1,028 ދަރިވަރުން އަދި ފަންނީ ތަމްރީނުގެ ދެ ބެޗަކުން 136 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު