ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ލިބުނު ދެ ހަފުތާގެ ޗުއްޓީ ނިމި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ދިރާސީ އަހަރު ސަރުކާރުގެ 218 ސްކޫލެއްގައި ޖުމްލަ 80,715 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދެއެވެ. މީގެ ތެރޭގައި މިއަހަރު އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1,748 ދަރިވަރުން ވަދެފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކަށް 3,042 ދަރިވަރުން ވަނީ ވަދެފައެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދިނުމަށް 9,952 ޓީޗަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މި ޓާމުގެ ތެރޭގައި އަންނަ މަހުގެ 13 އިން 19 އަށް ހަތް ދުވަހުގެ މިޑް-ޓާމް ބްރޭކެއް ދަރިވަރުންނަށް ލިބޭނެއެވެ. އަދި ޑިސެމްބަރު 1 އިން 10 އަށް އިމްތިހާނުތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހާ ހަމައަށެވެ. މިއީ ގާތްގަނޑަކަށް 30 ދުވަހުގެ ޗުއްޓީއެކެވެ. ބޮޑު ޗުއްޓީއަށްފަހު 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 17 ގައެވެ.



