ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ މެދުގައި އިސްލާމީ ރިވެތި އަޚުލާގާއި މަސައްކަތުގެ ސުލޫކީ މިންގަނޑުތައް އަށަގަންނުވައި، އެކަންކަމަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި، ޖަމްއިއްޔަތުއްސަލަފްގެ އުޔޫން އިންސްޓިޓިއުޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ކުރިއަށްގެންދާ މި އެއްބަސްވުމުގައި މި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިންއެވެ. އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓް ހިންގެވުމާ ހަވާލުވެހުންނެވި އަހުމަދު މުހައްމަދުއެވެ.
އެއް އަހަރު ދުވަހަށް ކުރެވުނު މި އެއްބަސް ވުމުގެ ދަށުން އުޔޫން އިންޓިޓިއުޓުން ފެނަކައިގެ އެކި ބްރާންޗްތަކުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ހަމަޖެހިފައިވާއިރު، އެ ސެޝަންތަކަކީ ހިލޭސާބަހަކަށް ނަގައިދެއްވާ ސެޝަންތަކެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރުކުރުމަށް ދެ އިންސްޓިޓިއުޓުން ގުޅިގެން ބިނާކުރަނިވި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ސިލްސިލާކޮށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ސެޝަން މިދިޔަ ޖޫން މަހު ބާއްވާފައިވާއިރު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ދެވަނަ ސެޝަން މިއަދު ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ އެކި ފަންތިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކަށް އިސްކަންދޭ ބަޔަކަށް ހެދުމެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާ އިސްލާމީ ހަމަތަކުގެ މަތިން ކުރިމަތިލާނެ ގޮތްތައް މުވައްޒަފުންނަށް އުނގަންނައިދިނުމަކީވެސް މި ތަމްރީނުތަކުގެ މުހިންމު ބޭނުމެކެވެ. މި ސެޝަންތައް ކުރިއަށްގެންދަވާނީ އެ ދާއިރާގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ.



