ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކުރެވޭ ޤަޢުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ، ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން ކަމަށާއި، އެ މަޝްވަރާތަކަށްފަހު ޢަމަލީ ގޮތުން ގެނެވޭ ހެޔޮ ބަދަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން ނޫންކަން ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ، ކުދިންގެ ވިސްނުން ތަރައްޤީކުރުމާއި، ޚުލްޤު ހެޔޮ ދަރީންތަކަކަށް އެކުދީން ހެދުމުގެ އިތުރުން، އެކުދީންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޙަޤީޤީ ރައްކާތެރިކަން ފެންނާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކުދިންނަށް ކުރިމަތިވާ އަނިޔާއާއި، އިހުމާލުވުމާއި، ނަފްސާނީ ތަކްލީފުތަކަކީ ގިނަ ފަހަރަށް ހަނުހިމޭންކަމުގެ ތެރޭގައި ހިނގާ ކަންކަން ކަމަށް ވިދާޅުވެ، މުޖުތަމަޢުތަކުން އަބަދުވެސް ފާރަވެރިވެ ތިބުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެއިތުރުން، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ޒިންމާދާރުކަމާއެކު މަގުދައްކައިދިނުމަށް މައިންބަފައިންނަށާއި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ގޮވާލެއްވިއެވެ. "ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ޤުރުބާންނުކޮށް" ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫޢުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރަން 2024-2028" އާއި، ކުޑަކުދިންގެ ހޮޓްލައިން 1412، އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި އުމުރުން 16 އަހަރުން ދަށުގެ ކުދިން ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާ ނިންމުންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ކުޑަކުދިންގެ ޙައްޤުތަކާއި ތަރައްޤީއަށް ޚާއްޞަކޮށްގެން ތައްޔާރު ކުރެވިފައިވާ މަޖައްލާއެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އެކަމަނާ ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުޑަކުދިން ރައްކާތެރިކޮށް އެކުދިންނަށް އެހީތެރިވުމަށް މުޖުތަމަޢުގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށެވެ.




