ނ. ލަންދޫގައި ހުމެއް ފެތުރި، ގިނަ ބަޔަކު ބަލިވަމުންދާތީ ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފިއެވެ. މި ބަލި ފެތުރެން ފެށީ މިހާރު ކުރިއަށްދާ ޗުއްޓީގެ ތެރޭގައި ކަމަށް ލަންދޫ ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ.
ލަންދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި، އާއްމުކޮށް ގަދައަށް ހުން އައިސް، ކެއްސާ، އަދި ގައިގެ ވަރުދެރަކޮށްލާ މި ބަލި ފެތުރެން ފެށީ މިދިޔަ ހައްޖު ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ މަރުކަޒުން ފާހަގަކުރެއެވެ.
ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާރު ކޮންމެ ދުވަހަކުހެން 30 އަށްވުރެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކަމުންދާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވެއެވެ. މީގެ އިތުރުން، ބަލިވެގެން ސްކޫލަށް ނުދާ ކުދިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ބަލި ފެތުރެމުންދިޔަ ނަމަވެސް، ސްކޫލު ބަންދުކުރުމުގެ ކުރިން ބަލި ދެނަގަތުމަށް ޓެސްޓުތައް ހެދުމަށް ވަނީ ނިންމާފައެވެ. "އަޅުގަނޑުމެން މިހާރު މި ތައްޔާރުވަނީ ކޮވިޑާއި އިންފްލުއެންޒާގެ ސާމްޕަލްތައް ނެގުމަށް. މިއީ ކޮން ހުމެއްކަން ދެނެގަނެވޭނީ އޭރުން،" އޮފިޝަލު ވިދާޅުވިއެވެ.
އިންފްލުއެންޒާ އާއެކު ހުމުގެ ރޯގާއެއް ފެތުރޭތީ ސަމާލުވުމަށް، މިދިޔަ މަހުގެ ތެރޭގައި އެޗްޕީއޭން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މިހާރު ލަންދޫގައި ފެތުރެމުންދާ ބަލި ދެނެގަތުމަށް ކުރެވޭ ޓެސްޓުތަކަށް ފަހު، އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.




