Thursday, November 5
ހަރަދުތައް ކުޑަކުރުމަށް އަންގާފައިވާ އެންގުންތަކާ ހިލާފަށް އައްޑޫސިޓީ ކައުންސިލުން 1.2 މިލިއަން ރުފިޔާ ސިންގަޕޫރު އަދި މެލޭޝިޔާ ދަތުރުތަކަށް

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް އައްޑޫ ސިޓީ ކައުންސިލުން ސިންގަޕޫރާއި މެލޭޝިއާއަށް ކުރި ތަޖުރިބާ ދަތުރުތަކަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. އޮޑިޓް އޮފީހުން އާންމުކުރި އައްޑޫ ސިޓީ ކައުންސިލުގެ 2022 އަދި 2023 ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ދަތުރުތައް ކޮށްފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަންގާފައިވާ އެންގުންތަކާ ހިލާފަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުރަތަމަ ދަތުރަކީ 2023 ވަނަ އަހަރު އަށް ކައުންސިލަރުންނާއި ދެ މުވައްޒަފުން ހިމެނޭހެން މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި އަށް ދުވަހުގެ ދަތުރެކެވެ. މި ދަތުރަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، ދަތުރުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ އާބަން ޑިވެލޮޕްމަންޓާއި ގަވަނަންސްގެ ދާއިރާއިން ތަޖުރިބާ ހޯދުމެވެ. ނަމަވެސް، މި ދަތުރުގައި ކުރި ގިނަ ކަންކަމަކީ ދަތުރުގެ މަގުސަދާ ސީދާ ގުޅުންހުރި ކަންކަން ނޫން ކަމަށް އޮޑިޓަރުން ވަނީ ފާހަގަކޮށްފައެވެ.

ދެވަނަ ދަތުރުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނުވަ މެންބަރުންނާއި، ކައުންސިލަރަކާއި ސެކެޓްރީ ޖެނެރަލް ހިމެނޭހެން 11 މީހުން ކުރި ދަތުރެކެވެ. ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވި މި ދަތުރުގައި ވެސް ކޮމިޓީގެ މަސްއޫލިއްޔަތާ ގުޅޭ އެކަށީގެންވާ ތަޖުރިބާއެއް ހޯދާފައި ނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ. މި ބައިވެރިން ޒިޔާރާތްކޮށްފައިވަނީ ސިންގަޕޫރުގެ ސެންތޯސާ ގާޑަން އާއި ބޮޓެނިކަލް ގާޑަން ފަދަ ތަންތަނަށް ކަން އޮޑިޓުން އެނގެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މި ދަތުރުތަކުން ހާސިލުވި ކަންކަމާއި އެކަންކަން އައްޑޫގައި ތަންފީޒު ކުރާނެ ގޮތުގެ އެއްވެސް ތަފުސީލެއް ލިޔުމުން ބަލަހައްޓާފައި ނުވާ ކަމަށެވެ. މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖުމަންޓުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންއަކަށް 65,381 ރުފިޔާ ހަރަދުކުރި ނަމަވެސް، އެއީ ވެސް ދަތުރުގެ އަސްލު މަގުސަދާ ގުޅޭ ތަމްރީނެއް ނޫން ކަމަށް އޮޑިޓަރުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ކައުންސިލްތަކުން ކުރާ ދަތުރުތަކަކީ ނަތީޖާ ނެރެވޭނެ ދަތުރުތަކަކަށް ހެދުމަށާއި، ފިނޭންސް މިނިސްޓްރީގެ ސާކިއުލާތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިރުޝާދު ދީފައެވެ. އަދި ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކުރިއަށް ގެންދިއުމަށާއި، ތަމްރީނުތައް ދިނުމުގެ ކުރިން ނީޑް އެސެސްމަންޓެއް ހެދުމަށް ވެސް ވަނީ ލަފާދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު