Saturday, October 31
އޮޕަރޭޝަން ކުރަނގި: މިހާތަނަށް 25,000 ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ދާޚިލީ ވުޒާރާއިން ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 25,000 ބިދޭސީންގެ މައުލޫމާތު އެއްކޮށްފިއެވެ.

މިއަަދަކީ މާލެ ސަރަހައްދުގެ ޕްރައިވެޓް ސެކްޓަރަށް އަދި އާންމު ތަންތަނަށް ފުޅާކޮށް މި އޮޕަރޭޝަން ފެށި ދުވަހެވެ.

މިކަން ފާހަގަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިއަދު ކުރެވުނު މަސައްކަތުން 1455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި ޑާޓާބޭސް އަޕްޑޭޓްކުރެވިފައިވާ ކަމަށެވެ.

އިޙްސާން ވިދާޅުވީ 17 ނޮވެމްބަރު 2024 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގައުމާ މުޚާތަބުކުރެއްވިއިރު މި އޮޕަރޭޝަންގައި 10,000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުނު ވާހަކަ އިއުލާނުކުރައްވާފައިވާ ކަމަށެވެ. އަދި އޭގެފަހުން މިދިޔަ 2 މަސްތެރޭގައި އިތުރު 15,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގި، މުޅި އޮޕަރޭޝަންގައި މިއަދާ ހަމައަށް 25,483 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގިފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

''ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް ﷲ ގެ އިރާދަފުޅާއެކު ކާމިޔާބުކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގައި.'' މިދިޔަ އަހަރުގެ މެއިމަހުގައި ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގައި ވުޒާރާގެ ފޮރިން ލޭބަރ ޑިޕާޓްމަންޓާއި، އިމިގްރޭޝަނާއި، ފުލުހުންގެ ޚިދުމަތާއި މުޅި ހޯމް ސެކްޓަރގެ މުވައްޒަފުންނާއި ކައުންސިލުތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ވަޒީރު އިޙްސާން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އޮޕަރޭޝަން ކުރަނގީގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ވުޒާރާގެ މަގުސަދެއް ނޫނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ހަމައެއާއެކު ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު