އާދިއްތަ, November 8
ސަރުކާރުގެ އަމާޒަކީ އެސްއީޒެޑަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުން: ސަޢީދު
ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. ސިންގަޕޫރުގައި މިއަދު ފެށި ބިޒިނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް އިގްތިސާދު ސިންދަފާތު ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ގާއިމްކޮށްފައިވާ އެސްއީޒެޑް ނުވަތަ ޚާއްސަ އިގްތިސާދީ ސަރަހައްދުތަކުގައި އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް އިންވެސްޓަރުންނަށް ސަރުކާރުން ހުޅުވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެއްބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ މުހިންމު ލަނޑުދަނޑިއެއް ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވި އެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖޭ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މިހާތަނަށް 680 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާ ކަމަށް މިނިސްޓަރ ސަޢީދު މިއަދު ވިދާޅުވިއެވެ. އެ ގޮތުން މިހާރު ވެސް އެސްއީޒެޑުގައި އިޔާދަކުރަނިވި ޙަކަތައިގެ ބިޔަ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ޙަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމާއި، އަދި މިނޫން ވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުރި ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު