އިޒްރޭލާއި އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި އދ. ގެ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) ހަރަކާތްތެރިވުން މަނާކުރުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ދެ ބިލެއް ފާސްކޮށްފިއެވެ.
ޔޫއެންއާރުޑަބްލިއުއޭ އަކީ 1949 ވަނަ އަހަރު ފަލަސްތީނާއި އިޒްރޭލުގެ ދެމެދުގައި ހިނގާ ހަނގުރާމަތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން އދ. އުފެއްދި ޖަމިއްޔާއެކެވެ.
ހޯމަ ދުވަހު ފާސްކުރި މި ގާނޫނުގެ ސަބަބުން ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެ ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް ލިބޭ އިންސާނީ އެހީ ލިބުން އިތުރަށް އުނދަގޫވެގެން ދާނެއެވެ.
އިޒްރޭލުން މި ބިލްތައް ފާސްކޮށްފައި މިވަނީ ދުނިޔޭގެ ގިނަ ގައުމު ތަކަކުން އިޒްރޭލުން ފަލަސްތީނަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
މި ބިލުތަކަށް 90 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާއިރު، މި ގާނޫނުގެ ސަބަބުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންކަމަށްވާ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭގެ ތަންތަން ބަންދުކުރެވޭނެއެވެ.
އިޒްރޭލުގެ ފޮރިން އެފެއާޒް އެންޑް ޑިފެންސް ކޮމިޓީގެ ޗެއާމަން އެމްކޭ ޔޫލީ އެޑެލްސްޓެއިން ހޯމަ ދުވަހު ނެގުނު ވޯޓުގެ ކުރިން ބުނީ ޔޫއެންއާރުޑަބްލިއުއޭ އިން ވަނީ އިންސާނީ އެހީދޭ އެޖެންސީއެއްގެ ގޮތުގައި ހަރަކާތްތެރިވުން ވަރަށް ކުރިން ހުއްޓާލާފައިވާ ކަމަށާއި އަދި މިހާރު އެ އޭޖެންސީއަކީ ޓެރަރިޒަމަށް ތާއީދު ކުރާ އޭޖެންސީއެއް ކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގައި ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތް ކުރާ މުއައްޒަފުންތަކެއް ބައިވެރިވި ކަމަށް ވެސް ޔޫލީ ބުންޏެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތު ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން ވަނީ ޣައްޒާގެ އިންސާނީ ޙާލަތާމެދު "ވަރަށް ބޮޑަށް ކަންބޮޑުވުން" ފާޅުކޮށް، ޔޫއެންއާރްޑަބްލިއުއޭ މަނާ ނުކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ.
މި ލިޔުން ކިޔާލުމުން