އދ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތައް ކަމަށްވާ އިންސާފުވެރި ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ހާމަކުރައްވާފައެވެ.
އާންމު ބަހުސްގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން، ކޮންމެ ޤައުމަކަށްވެސް އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ އަސާސީ ހައްގު ލިބިގެންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ގުޅިފައިވާ ކަމެއްކަން ބަޔާންކުރެއްވިއެވެ. މީގެއިތުރުން، 1967 ގެ ކުރީގެ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވަކާލާތު ކުރެއްވުމުގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުން ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށާއި އދ. ގެ ނިޒާމަށް ފުރިހަމަ އިސްލާހީ ބަދަލުތަކެއް ގެނައުމަށްވެސް ގޮވާލެއްވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިލްތިމާސް ކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގާއިމުވެފައިވާ ޤައުމެއްގެ ސަރަހައްދީ އިން ނުވަތަ ދައުލަތުގެ ވުޖޫދު ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރެއްވުމުގެ ގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު ނައިބު ރައީސް ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް ތަގުރީރު ކުރައްވައި، ރާއްޖޭގެ ހާރިޖީ އަދި ތަރައްގީގެ އިސްކަންދޭ ކަންކަން ކާމިޔާބުކަމާއެކު ބައިނަލްއަގުވާމީ މައިދާނުގައި ހާމަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



