ނޭޝަންސް ލީގުގައި ފަހަތުން އަރައި 3-2 އިން އިންގްލެންޑް ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު 39 މެޗަށް އިތުރުކޮށްފިއެވެ.
ވެމްބްލީގައި ކުޅުނު މި މެޗުން މޮޅުވުމާއެކު ސްޕެއިން ވެފައިވަނީ ޔޫރަޕުގެ ޓީމަކުން މިފަދަ ދިގު ރެކޯޑެއް ހެދި ފުރަތަމަ ޓީމަށެވެ. މިއާއެކު ވޯލްޑް ކަޕުން ވަކިވާން ޖެހުމުން ލިބުނު ހިތްދަތިކަމަށްފަހު ހިތްހަމަޖެހުމެއް ހޯދުމަށް އިންގްލެންޑަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.
ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅުނު އިންގްލެންޑް ކޮޅަށް މެޗުގެ ދެވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ލަނޑު ޖަހައި ސްޕެއިނަށް ކުރިހޯދައިދީފައެވެ. މީގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމަށް ސްޕެއިނަށް ފެރާން ޓޮރެސް އަދި ޑެނީ އޮލްމޯ މެދުވެރިކޮށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ނަމަވެސް އިންގްލެންޑުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 36 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމްގެ އެހީތެރިކަމާއެކު އެންތަނީ ގޯޑަން ޖެހި ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން، ނިކޯ އޯރައިލީ ނަގައިދިން ބޯޅައަކުން ކެޕްޓަން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހައި އިންގްލެންޑަށް 2-1 އިން ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ވީއޭއާރު ބެލުމަށްފަހު އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާކުރުމަށް ހެރީ ކޭންއަށް ލިބުނު ފުރުސަތު، ކައްސާލައިގެން ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވުމުން ވަނީ ބޭކާރުވެފައެވެ.
އޭގެ ފައިދާ ނަގައި ސްޕެއިނުން ވަނީ މެޗުގެ 60 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ އެލެކްސް ބައެނާ ޖެހި ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ ފަހުން ބައެނާ ދިން ބޯޅައަކުން މިކޭލް އޮޔާޒަބާލް ވަނީ ސްޕެއިނަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި ލިޔުން ކިޔާލުމުން



