ޔޫއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާ އަތުން އިސްރާއީލު ބަލިވި މެޗުގައި، ލަނޑު ޖެހުމަށްފަހު ކޯނަރު ދަނޑި ބޭނުންކޮށްގެން ބަޑިޖަހާ ފަދަ ގޮތަކަށް އުފާފާޅުކުރުމުގެ ސަބަބުން އިސްރާއީލުގެ ސަޔަދު އަބޫ ފަރްހީ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެމެރިކާގެ ކޮލޮރާޑޯ ރެޕިޑްސް އަށް ކުޅޭ އަބޫ ފަރްހީ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކީ ނަތީޖާ ހަމަހަމަކޮށްދިން ލަނޑަށްފަހު ކުރި މި އަމަލާ ގުޅިގެންނެވެ. ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން، ރުޅިއެރުވުމާއި މަލާމާތްކުރުން ނުވަތަ ހަމަނުޖެހުމަކަށް މަގުފަހިވާ ގޮތަށް އުފާފާޅުކުރާ ކުޅުންތެރިންނަށް ކާޑު ދެއްކުމުގެ އިޚްތިޔާރު ރެފްރީންނަށް ލިބިގެންވެއެވެ.
ލިންޒްގައި ކުޅުނު މި މެޗު 3-1 ގެ ނަތީޖާއަކުން އޮސްޓްރިއާ ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި އޮސްޓްރިއާގެ ލަނޑުތައް ޖަހައިދިނީ ރޮމާނޯ ޝްމިޑް، ފިލިޕް މްވޭނޭ އަދި ސާޝާ ކަލައިޖިޗްއެވެ.
މި ހާދިސާ ހިނގާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ފުޓްބޯޅައިގެ ސުރުޚީތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން ކުރިއަށް އޮތް މެޗުތައް ބޮއިކޮޓް ކުރުމަށް އަޔަލެންޑަށް ބާރުއަޅަމުންދާއިރު، މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޓްރަލް ދަނޑުތަކުގައެވެ.
މި ހަނގުރާމަ ފެށިގެން ދިޔައީ 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 73،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
މި ލިޔުން ކިޔާލުމުން



