އެމެރިކާގެ ބައެއް މީޑިއާތަކުން ދޮގު އަދި ހިޔާލީ ވާހަކަތައް ފަތުރާ ކަމަށް ވިދާޅުވެ، ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް މަނާކުރައްވައިފިއެވެ. ވައިޓް ހައުސްއަށް ވަނުން މަނާކުރާ އާ އުސޫލުތައް ތަންފީޒު ކުރައްވަމުން، ޓްރަމްޕް މި ނިންމެވުން އިއުލާނު ކުރެއްވީ ހުކުރު ދުވަހު އޭނާގެ ޓްރޫތު ސޯޝަލް އެކައުންޓް މެދުވެރިކޮށެވެ.
ޓްރަމްޕް ލިޔުއްވާފައިވަނީ އެ ފަރާތްތަކުން މެދުކެނޑުމެއްނެތި 'ދޮގު ޚަބަރު' ފަތުރަމުންދާތީ އެ ފިޔަވަޅު އަޅުއްވާފައިވާ ކަމަށެވެ. އަދި އެމެރިކާގެ ރައީސް، ސަރުކާރު ނުވަތަ އެމެރިކާއާ ގުޅޭ ޚަބަރުތައް ގެނެސްދޭއިރު، މީޑިއާތަކަށް މެދުކެނޑުމެއްނެތި ހިޔާލީ ވާހަކަތައް ރިޕޯޓު ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި ދޮގު ޚަބަރު ފަތުރާ އެހެން މީޑިއާތަކާމެދުވެސް މިގޮތަށް އަމަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން 'ދަ ނިއުޔޯކް ޓައިމްސް' އަދި 'ދަ ވޮޝިންގޓަން ޕޯސްޓް' އަކީވެސް ދޮގު ޚަބަރު ފަތުރާ ވަސީލަތްތަކެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ މީޑިއާތަކުން ގަސްދުގައި ރިޕަބްލިކަން ޕާޓީގެ އަގުވައްޓާލަން ނެގެޓިވް ޚަބަރު ލިޔާ ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.
ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ރިޕޯޓު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، ވައިޓް ހައުސްއަށް ވަނުން މަނާކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ދެވޭ ޣައިރުގާނޫނީ ހަމަލާއެއް ކަމަށް ސީއެންއެން އިން ވަނީ ބުނެފައެވެ. އަދި އިންސާފުވެރިކަމާއެކު ރިޕޯޓުކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެ، ސަރުކާރުން ސަބްސިޑީ ލިބޭ ކަމަށް ބުނެ ޓްރަމްޕް ކުރެއްވި ތުހުމަތު ޕޮލިޓިކޯ އިން ވަނީ ދޮގުކޮށްފައެވެ.
އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުގެ ދަށުން މި މަނާކުރުމާ ދެކޮޅަށް ކޯޓަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނާއިރު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ގެންދަވަނީ ބޭއިންސާފު ކަވަރޭޖް ދޭ ކަމަށް ވިދާޅުވެ ނޫސްވެރިންނަށް ތަކުރާރުކޮށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ.
ނޫސްވެރިންނަށް މީޑިއާ އެކްސެސް ލިބުމަކީ ރައްޔިތުންނަށް މިނިވަންކަމާއެކު މައުލޫމާތު ލިބިގަތުމަށް އޮތް ހައްގެއް ކަމަށް ބުނެ، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވަނީ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ބަލަމުންދާ ކަމަށް ހާމަކޮށްފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ މީޑިއާތަކުގެ އަޑު ކަނޑުވާލައި ފާޑުކިޔުންތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
މި ލިޔުން ކިޔާލުމުން



