މާލެއިން ފުރައިގެން ރ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރި "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް ދިޔަވެ، އަރިއަޅާލުމާ ގުޅިގެން ސަލާމަތްވުމުގެ ގޮތުން އޭގައި ހުރި ބައެއް މުދާތައް ކަނޑަށް އުކާލައިފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.
މިއަދު ހެނދުނު 09:57 އެހާކަންހާއިރު މިއެކްސިޑެންޓުގެ ރިޕޯޓު ލިބުމާއެކު، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ އެހީތެރިވުމަށް އެތަނަށް ގޮސްފައެވެ. ތިން ދިވެހިންނާއި ބިދޭސީއަކާއެކު މުޅިއެކު 4 މީހުންނާއެކު ދަތުރުކުރި މި ދޯނި ސަލާމަތްކުރުމަށް މުދާ ކަނޑަށް ދޫކޮށްލަން ޖެހުނުއިރު، އޮފިޝަލުން މިހާރު ދަނީ ދޯނީގެ ދިޔަހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
ބ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން މިހާރު ވަނީ ރައްކާތެރިކަމާއެކު ބ. އޭދަފުއްޓަށް ގެންދެވިފައެވެ. އަދި ދޯނީގައި ތިބި 4 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތުދިނެވެ.
މި ލިޔުން ކިޔާލުމުން



