Saturday, October 31
ކޮސޯވޯގެ ކުރީގެ ރައީސް ތާޗީ 25 އަހަރަށް ޖަލަށްލައިފި

ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީގެ މައްޗަށް މީހުން މެރުމާއި، އަނިޔާކުރުމާއި ޣައިރުގާނޫނީ ގޮތުގައި މީހުން ހައްޔަރުކުރުން ފަދަ ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް ދަ ހޭގްގައި ހުންނަ ކޮސޯވޯ ވޯ ކްރައިމްސް ޓްރައިބިއުނަލުން ވަނީ ހުކުމްކޮށްފައެވެ.

އުމުރުން 58 އަހަރުގެ ތާޗީގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ 1990 ގެ އަހަރުތަކުގައި ސާބިއާގެ ކިބައިން ކޮސޯވޯ ވަކިވުމަށް ހިންގި ހަމަނުޖެހުންތަކުގައި، ކޮސޯވޯ ލިބަރޭޝަން އާމީ (ކޭއެލްއޭ) ގެ އިސް ކޮމާންޑަރެއްގެ މަގާމުގައި ހުރެ ހިންގާފައިވާ ޖަރީމާތަކާ ގުޅިގެންނެވެ.

ހަނގުރާމައިގެ ތެރޭގައި ކޭއެލްއޭގެ ފައުޖުތަކުން ސިޔާސީ ވާދަވެރިންނާއި ސާބިއާގެ ބާރުތަކަށް އެއްބާރުލުން ދިން ކަމަށް ބެލެވުނު 96 މީހަކު މަރާލުމާއި، ޣައިރުގާނޫނީ ގޮތުގައި 385 މީހަކު ހައްޔަރުކުރުމާއި، 303 މީހަކަށް އަނިޔާކުރުމުގެ އިތުރުން 49 މީހަކާ މެދު އިހާނެތިކޮށް އަމަލުކުރި ކަމުގެ ކުށް ޓްރައިބިއުނަލުން ވަނީ ސާބިތުކޮށްފައެވެ.

މި ޖަރީމާތަކުގެ ޝިކާރައަކަށްވި އެއްވެސް މީހަކީ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވި ބައެއް ނޫން ކަމަށާއި، ތާޗީ ވަނީ އެއް އަމާޒެއްގައި ހިންގި ޖިނާއީ ރޭވުމެއްގެ ދަށުން މި އަމަލުތަކުގައި ބައިވެރިވެ ހިތްވަރު ދީފައި ކަމަށް ކޯޓުން ފާހަގަކުރިއެވެ.

ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޗާލްސް ސްމިތު ވިދާޅުވި ގޮތުގައި، ކޭއެލްއޭގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ޑިޓެންޝަން ސެންޓަރުތައް ހަދައި، ވާދަވެރިން ދެނެގަނެ ހައްޔަރުކޮށް، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި އެމީހުން މަރާލުމުގެ ނުރައްކާތެރި ރޭވުމެއް ހިންގާފައިވެއެވެ. އަދި ބަންދުކުރެވުނު މީހުން ގެންގުޅެފައިވަނީ އިންސާނިއްޔަތާ ހިލާފު ހާލަތްތަކުގައެވެ. ދައުވާތަކަށް އިންކާރުކުރި ތާޗީއަށް މި ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެންވެއެވެ.

މި ހުކުމާ ގުޅިގެން ދަ ހޭގް އަދި ކޮސޯވޯގެ ވެރިރަށް ޕްރިސްޓީނާގައި ތާޗީގެ ސަޕޯޓަރުން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައިވާއިރު، އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ ވެސް ވަނީ މިއީ ބަލައިގަންނަން ދަތި ހުކުމެއްގެ ގޮތުގައި ސިފަކުރައްވައި ފާޑުވިދާޅުވެފައެވެ.

ޕްރޮސެކިއުޓަރުން 45 އަހަރުގެ ޖަލު ހުކުމަކަށް އެދުނު ނަމަވެސް، ފަނޑިޔާރުން ވަނީ ބައެއް ދައުވާތައް ބޭރުކޮށްލާފައެވެ. އަދި މި ޝަރީއަތް ކުރިއަށް ގެންދަން ޖެހުނީ ހެކިންނަށް ބޮޑެތި ބިރުދެއްކުންތަކާއި ގޮންޖެހުންތައް ކުރިމަތިވި މާހައުލެއްގައި ކަމަށް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު