މާލޭގައި ކުރިއަށްދިޔަ ރަސްމީ ބައްދަލުވުންތަކަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނުފާނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި އެމަނުފާނަށް ވަނީ ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ވެރިން ވަނީ ވިޔަފާރިއާއި، ދިފާޢީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ފަތުރުވެރިކަމުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ދެ ޤައުމުން ގެންގުޅޭ އެއްގޮތް ސިޔާސަތުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދިފާޢީ ދާއިރާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާތަކުގައި ސޮއިކުރުން ކުރިއަށްދިޔައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޕްރެފަރެންޝަލް ޓްރޭޑް އެއްބަސްވުމެއް ޤާއިމުކުރުމަށްޓަކައި މަޝްވަރާތައް ފެށުމަށް ނިންމަވާފައިވާކަން ވަނީ އިޢުލާންކުރައްވާފައެވެ. މީގެއިތުރުން އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރެވި، ކޮންސިއުލަރ އަދި ވިސާގެ އިންތިޒާމުތައް އިތުރަށް ލުއިފަސޭހަކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މެލޭޝިއާ ބޮޑުވަޒީރުގެ ޝަރަފުގައި ފުރަމާނަ މެންދުރުގެ ފަރިއްކޮޅުވުމެއް ބާއްވަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނުފާނަށް އަލްވިދާޢު ދެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.
މި ލިޔުން ކިޔާލުމުން



