ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމުގެ ނަމުގައި ބޭންކްތައް މެދުވެރިކޮށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން ބޭރު ފައިސާ ދޫކުރި ނަމަވެސް، އެއާ ގުޅޭ މުދާ ރާއްޖެއަށް ނުގެންނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި މިނިސްޓަރ ވިދާޅުވި ގޮތުގައި، މިކަން ފާހަގަކުރެވުނީ ބޭންކް އޮފް މޯލްޑިވްސް އާއި ކަސްޓަމްސްއާ ދެމެދު ވެވިފައިވާ އެމްއޯޔޫއެއްގެ ދަށުން ކުރިއަށްދިޔަ މަސައްކަތްތަކުންނެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި އަދަދުތަކުން ޓީޓީ ހަދައިގެން އެއީ އެޑްވާންސް ޕޭމަންޓް ނުވަތަ ކުރިން ގެނެސްފައިވާ މުދަލުގެ ބާކީ ފައިސާ ކަމަށް ބުނި ނަމަވެސް، އަހަރެއް ވާއިރުވެސް އެ އިންވޮއިސްތަކަށްވާ މުދާ ރާއްޖެއަށް އެތެރެކޮށްފައެއް ނުވެއެވެ. މިއީ "ޓްރޭޑް ބޭސްޑް މަނީ ލޯންޑްރިން" ނުވަތަ ވިޔަފާރީގެ ނަމުގައި ހިންގާ މަނީ ލޯންޑްރިންގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން، އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއަށާއި ބިދޭސީންގެ މުސާރަ ބޭރަށް ފޮނުވުން ފަދަ ކަންކަމުގައި މި މަގު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ މައްސަލަތަކީ ޖިނާއީ ތަހުގީގުގެ ތެރެއިން ބަލައި ފިޔަވަޅު އަޅާނެ މައްސަލަތަކެއްކަން ހާމަކުރައްވަމުން، އެންމެންވެސް ގާނޫނަށް ބޯލަބަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގާނޫނެއް ކުރިން ތަންފީޒު ނުވެ އޮތުމަކީ ކުށް ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



