ފިލިޕީންސްގެ ހުޅަނގުގައި އޮންނަ ޕަލަވާންގެ ކޮރޮންގެ އައްސޭރިފަށުން ދަތުރުކުރި ފެރީއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ފަސް މީހުން މަރުވެ 80 މީހުން ގެއްލިއްޖެއެވެ. "އެމްވީ ޖޫން އެސްޓަރ" ނަމަކަށް ކިޔާ މި ފެރީއަކީ ވެރިރަށް މަނީލާގެ ބަސެކޯއިން ފުރައިގެން ކޮރޮންއަށް ދަތުރުކުރަމުންދިޔަ އުޅަނދެކެވެ.
ފިލިޕީންސްގެ ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވި ވަގުތު އެ ފެރީގައި 117 ފަސިންޖަރުންނާއި 17 ފަޅުވެރިން ތިއްބެވެ. މީގެ ތެރެއިން 43 މީހުން ސަލާމަތް ކުރެވިފައިވާއިރު، ކޯސްޓްގާޑުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި އުޅަނދުގެ ބޮޑު ބައެއްގައި އަލިފާން ހިފާފައިވާ އިރު، މަރުވި މީހުންގެ ހަށިތައް ނަގައި "ބޮޑީބޭގް" ތަކަށް އަޅަމުންދިޔަ މަންޒަރުވެސް ފެނެއެވެ.
ކޯސްޓްގާޑުގެ ތަރުޖަމާނު ނޯމީ ކަޔާބްޔާބް ވިދާޅުވި ގޮތުގައި، ގެއްލުނު 80 މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު، އިތުރު މީހުންގެ ހަށިތައް ފެނުމާއެކު މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. މި ހާދިސާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބޭހޭ އިދާރާތަކުން މިހާރު ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



