ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހަފުތާ ރިޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ތިން ލައްކައަށްވުރެ ގިނަ މީހުން ވަނީ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށްފައިވެއެވެ.
އެގޮތުން އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1،461،682 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޭގެ ތެރެއިން 317،178 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މިއީ ރާއްޖެއަށް އައި މުޅި ޖުމްލަ ފަތުރުވެރިންގެ 22 އިންސައްތައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް އަދިވެސް ހިޔާރުކުރަނީ ރިސޯޓުތަކެވެ. އެގޮތުން 1،053،055 ފަތުރުވެރިން ރިސޯޓުތަކަށް އައިސްފައިވާއިރު، މިއީ ޖުމްލަ އަދަދުގެ 73.5 އިންސައްތައެވެ. މީގެއިތުރުން ހޮޓެލްތަކުގައި 33،513 ފަތުރުވެރިން އަދި ކްރޫޒްލައިނާތަކުގައި 26،550 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތަކަށް ބަލާއިރު، ލިސްޓުގެ އެއްވަނައިގައި އޮތީ 268،117 ފަތުރުވެރިންނާއެކު ޗައިނާއެވެ. ދެވަނައިގައި 209،815 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 110،983 ފަތުރުވެރިން ވަނީ އައިސްފައެވެ. ލިސްޓުގެ ހަތަރުވަނަ އަދި ފަސްވަނައިގައި އިޓަލީއާއި ޖަރުމަނު އުޅޭއިރު، އިންޑިއާ އޮތީ ކުރިއެކޭވެސް އެއްގޮތަށް ލިސްޓުގެ ހަވަނައިގައެވެ.
މިއަހަރުގެ ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުފަތުރަށް ބުރޫއަރައި، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރިއެވެ. މެދުއިރުމަތީގައި ހަމަލާތައް ކުރިއަށްދިއުމުގެ ސަބަބުން ގިނަ ފަތުރުވެރިން ދަތުރުތައް ލަސްކުރުމާއި ކެންސަލްކުރުމުގެ އިތުރުން، ދަތުރުފަތުރުގެ އަގުތައް އުފުލިގެންދިޔައެވެ. ނަމަވެސް، މި ގޮންޖެހުންތަކާއެކުވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަށް ވަނީ 2.2 ޕަސެންޓުގެ އިތުރުވުމެއް އައިސްފައެވެ.
މި ލިޔުން ކިޔާލުމުން



