ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިތުރުން އިމިގްރޭޝަން ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 426 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 13 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެއިތުރުން، މިދިޔަ ހަފުތާ ބަންދުގައި ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 55 ބިދޭސީއަކު ބަލައިފާސްކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތްކުރި 20 މީހަކު ވަނީ ހިފަހައްޓާފައެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ޖޫން 13 ގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅުނު 12،552 ބިދޭސީން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. ސަރުކާރުން ހިންގާ "ކުރަނގީ" އޮޕަރޭޝަންގެ ދަށުން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުވެސް ކުރިއަށްދާނެއެވެ. އަދި އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ސީދާ ޑީޕޯޓްކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



