މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުނު ފަހުން ފާއިތުވި 22 އަހަރުގެ ތެރޭގައި އެ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ގާބިލު މުއައްސަސާއަކަށް ބަދަލުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ބޭއްވި އެކުވެރިކަމުގެ ހިނގާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ ފާހަގަކުރެއްވީ، 1 ސެޕްޓެމްބަރ 2004 ގައި ފުލުހުންގެ ޚިދުމަތް ވަކިކުރެވުނުއިރު ހުސައިން އާދަމް ބިލްޑިންގ ކައިރިއަށް އެއްވި މަދު މުވައްޒަފުންގެ އަދަދާ އަޅާބަލާއިރު، މިއަދު ފުލުހުންގެ ސަފުތައް އެތައް ގުނައަކަށް ފުޅާވެ، މުއައްސަސާގެ އިންސާނީ ވަސީލަތާއި ގާބިލުކަން އެތައް ގޮތަކުން އިތުރުވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ރައްޔިތުން ބަލައިގަންނަ އަދި އިތުބާރުކުރާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މުނާސަބަތުގެ ތަހުނިޔާ ހުރިހާ ފުލުހުންނަށާއި އެފަރާތްތަކުގެ އާއިލާތަކަށް އަރިސްކުރައްވަމުން، ގާނޫނީ ޒިންމާ އަދާކުރުމުގައި ފުލުހުން ކުރާ ބުރަ މަސައްކަތަށާއި، މުއައްސަސާ ތަރައްޤީކުރުމުގައި އެކި ދުވަސްވަރު ޚިދުމަތް ކުރެއްވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި ކޮމިޝަނަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
މާލެ ވަށައި ބޭއްވި އެކުވެރިކަމުގެ ހިނގާލުން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި މުނާސަބަތާ ގުޅިގެން ކުޑަކުދިންގެ ހަވީރަކާއި ރަސްމީ ޖަލްސާގެ އިތުރުން އެހެނިހެން ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ. އަދި ފުލުހުންގެ ހަރަކާތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ޚަބަރު ފަތުރާ ވަސީލަތްތަކުން އަދާކުރާ ދައުރަށްޓަކައި މީޑިއާތަކަށްވެސް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



