މަސްވެރިންނަށް ދޫކުރަމުންދާ ތެލުގެ ސަބްސިޑީއަށް އެދުމާއި އެ ސަބްސިޑީ ދޫކުރުމުގެ އެންމެހައި ކަންކަން "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ ގޮތަށް ލާޒިމްކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަކަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމް (FSM) ގެ ޝެޑް ޤާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގުހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިވަގުތު ދޫކުރަމުންދާ ތެލުގެ ސަބްސިޑީއަކީ މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރަށް ޚާއްޞަކޮށްގެން، "ފަހިހަކަތަ" ޕްރޮގްރާމާ ވަކިން އަދި ޕޯޓަލުން ރިކުއެސްޓެއް ފޮނުވުމަކާ ނުލައި ދޫކުރަމުން އައި އިނާޔަތެކެވެ. ނަމަވެސް، މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެއް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތްތަނުގައި ސަބްސިޑީއަށް އެދުމާއި ދޫކުރުން ކުރިއަށްދާނީ "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށެވެ.
އެހެންކަމުން، މިނިސްޓްރީގެ "ފަހިހަކަތަ" ޕޯޓަލްގައި މިހާތަނަށް ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ އުޅަނދުފަހަރުތަކުން 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް އެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.
މި ލިޔުން ކިޔާލުމުން



