އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ގުޅިފައިވާ ބަޔާނުގައި، މެދުއިރުމަތީގެ ހަމަޖެހުމާއި މަސްލަހަތު ހިފެހެއްޓުމަށާއި ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ ދައުރުވުން އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ގޮވާލައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބަލަހައްޓަވާ މި ސަމިޓުގައި ފާސްކުރި ބަޔާނުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކުރުމާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ވަނީ ފާޅުކޮށްފައެވެ.
ހޮނިހިރު ދުވަހު ފެށުނު ދެ ދުވަހުގެ މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަދި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ހިމެނިވަޑައިގަންނަވައެވެ. މި ބަޔާނުގައި މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވަމުންދާތީ ފުން ކަންބޮޑުވުން ފާޅުކޮށް، އާންމު ހިދުމަތްދޭ އުމްރާނީ ވަސީލަތްތަކަށާއި ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިނުމާ ދެކޮޅަށް ވަނީ އިންޒާރު ދީފައެވެ. މީގެ އިތުރުން ޣައްޒާގައި އިސްރާއީލުން ހިންގާ އަނިޔާވެރިކަން ހުއްޓާލުމަށާއި، އުންރުވާ އަށް އެއްބާރުލުން ދިނުމަށާއި، ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
ސަމިޓުގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި، މިއީ "ބައިނަލްއަގުވާމީ މުޖުތަމައުގެ އާންމު މަސްލަހަތު އޮތް ގޮތެއް ނޫން" ކަމަށެވެ. މީގެ އިތުރުން މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީ ވަނީ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، ސަލާމަތާއި ތަރައްގީއާ ދެމެދު އޮތް ގުޅުން ފާހަގަކުރައްވާފައެވެ.
މި ސަމިޓުގައި ހުޅަނގުގެ ނުފޫޒުން ބޭރުން ފައިސާ ދެއްކޭނެ ނިޒާމުތައް ފުޅާކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން، އެއްފަރާތްފަރާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ އުސޫލުތަކާ ހިލާފު ޓެރިފްތަކާ ދެކޮޅަށް ވަނީ އަޑުއުފުލާފައެވެ. 11 މެންބަރުން ހިމެނޭ މި އިއްތިހާދުގެ ތެރޭގައި އެކި ކަންކަމުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މެންބަރު ގައުމުތަކުން ދަނީ ގްލޯބަލް ސައުތުގެ އިގްތިސާދީ އަދި ސިޔާސީ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



