ހއ. ހޯރަފުށީ ސްކޫލުގެ ދަރިވަރުން ބާރުވެރިކުރުވުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި، ގޭތެރޭގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ރައްކާތެރިކަމުގެ މުހިންމު މަޢުލޫމާތުތައް އެ ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދީފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހޯރަފުށީ ބްރާންޗާ ގުޅިގެން ކުރިއަށްގެންދިޔަ މި ޚާއްޞަ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 24 ވަނަ ދުވަހު ހޯރަފުށީ ސްކޫލުގައެވެ. "ގޭތެރޭގެ ކަރަންޓުގެ ރައްކާތެރިކަން" މި މަޢުޟޫޢަށް ބޭއްވި މި ސެޝަންތައް ޚާއްޞަކޮށްފައިވަނީ އެ ސްކޫލުގެ ގްރޭޑް 9 އިން 11 ގެ ދަރިވަރުންނަށެވެ.
މި ސެޝަންތަކުގައި ކަރަންޓާ ގުޅޭ އަސާސީ މަޢުލޫމާތާއި ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދީފައިވެއެވެ. އަދި އާންމު ދިރިއުޅުމުގައާއި ގޭތެރޭގައި ކަރަންޓު ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައެވެ.
ހަމައެކަނި ތިއަރީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި، ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، ޢަމަލީ ގޮތުން އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް މި ސެޝަންގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.
މި ސެޝަންތައް ނުހަނު ފުރިހަމަކަމާއި ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ފެނަކަ ހޯރަފުށީ ބްރާންޗުގެ މުވައްޒަފުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ހޯރަފުށީ ސްކޫލުގެ ފަރާތުން ވަނީ ފެނަކަ ޓީމަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.



