ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދިނުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، ރާއްޖޭގައި ހުރި ޕާސްޕޯޓު ސްޓޮކް މެނޭޖްކުރުމަށްޓަކައި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު އިޢުލާނެއްގައި ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރުން ފެށިގެން ދިވެހި ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، އެކަމަށް އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިން ކަނޑައެޅި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުން، ރާއްޖެއަށް އައު ސްޓޮކް ލިބޭނެ ކަމަށް ލަފާކުރެވެނީ 2026 ސެޕްޓެންބަރު މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބަޔާންކުރެއެވެ.
މި ހާލަތާ ގުޅިގެން 2026 އޮގަސްޓު 28 އިން ފެށިގެން ޕާސްޕޯޓު ދޫކުރުމުގައި ޢަމަލުކުރާނެ އައު އުސޫލުތައް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ގެނެވުނު މައިގަނޑު ބަދަލުތަކަކީ:
- ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުން: ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަކަށް އެދޭ ފަރާތްތަކަށް، އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެ ފަރާތްތަކުގެ މިހާރުގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުން. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީއަކާ ނުލައެވެ.
- އިމަރޖެންސީ ޕާސްޕޯޓު ދޫކުރުން: އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ޢާންމުކޮށް ދިވެހިން ދަތުރުކުރާ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވަނީ ނިންމާފައެވެ. މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 1 އަހަރުގެ މުއްދަތަށް ދޫކުރެވޭ 8 ޞަފުޙާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. މިއީ ވެސް އެއްވެސް ފީއަކާ ނުލައި ފޯރުކޮށްދޭނެ ޚިދުމަތެކެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރު ދުވަހު ވެސް މި ޚިދުމަތް އެއްވެސް މައްސަލައެއް ނުޖެހި އިތުބާރާއެކު ފޯރުކޮށްދީފައިވާ ފަރާތެކެވެ.
ޚިދުމަތަށް ބަދަލުތަކެއް ގެނައި ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިމިގްރޭޝަނުން ވަނީ އަރުވާފައެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ އިދާރާއިން ވަނީ މަޢާފަށް އެދިފައެވެ.



