ނޯވޭގެ ތަޚުތުގައި ތިރީހަށް ވުރެ ގިނަ އަހަރު ހުންނެވި ރަސްގެފާނު ހަރަލްޑް ފަސްވަނަ، އުމުރުފުޅުން 89 އަހަރުގައި އަވަހާރަވެއްޖެކަން އެ ގައުމުގެ ޝާހީ ގަނޑުވަރުން އިއުލާންކޮށްފިއެވެ. އެމަނިކުފާނު އަވަހާރަވީ ލެޔަށް ޖެހުނު ބެކްޓީރިއަލް އިންފެކްޝަނަކަށް އޮސްލޯ ޔުނިވާސިޓީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ނޯވޭގެ ރަސްގެފާނު ހަރަލްޑަކީ ސިއްހީ ހާލުކޮޅާ ގުޅިގެން 2024 ވަނަ އަހަރު ޕޭސްމޭކަރެއް ލައްވައި ރަސްމީ ހަރަކާތްތައް މަދުކުރެއްވި ނަމަވެސް، ތަޚުތު ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވި ބޭފުޅެކެވެ.
1991 ވަނަ އަހަރު ތަޚުތަށް އިސްވެވަޑައިގެންނެވި މި ޒައީމަކީ ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވެވި އަދި 2011 ގެ ޓެރަރިސްޓް ހަމަލާއަށްފަހު ގައުމު އެކަތިގަނޑަކަށް ހެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި މަގުބޫލު ރަސްކަލެކެވެ.
މީގެއިތުރުން އެމަނިކުފާނަކީ ކުޅިވަރާއި، ކަނޑުދަތުރުފަތުރު އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.
ނޯވޭގެ ޝާހީ އާއިލާއަށް ފަހަކަށް އައިސް އެކި ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. އޭގެ ތެރޭގައި ވަލީއަހުދު ހާކޮންގެ އަނބިކަނބަލުން، ކްރައުން ޕްރިންސެސް މެޓެ-މަރިޓްގެ ސިއްހީ ހާލުކޮޅާއި ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމުގެ ފާޑުކިޔުންތަކުގެ އިތުރުން، އެކަމަނާގެ ދަރިކަލުން މާރިއަސް ހޮއިބީއަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އައުން ހިމެނެއެވެ.
މި ހާދިސާތަކުގެ ސަބަބުން 2026 ގެ ކުރީކޮޅު ރަސްކަމުގެ ނިޒާމަށް އޮތް ރައްޔިތުންގެ ތާއީދު 60 އިންސައްތައަށް ދަށްވެފައިވެއެވެ.
ރަސްގެފާނު ހަރަލްޑް އަވަހާރަވުމާ ގުޅިގެން ދެން ތަޚުތަށް އިސްވެވަޑައިގަންނަވާނީ ދަރިކަލުން، އުމުރުފުޅުން 53 އަހަރުގެ ވަލީއަހުދު ހާކޮން އެވެ. މިއާއެކު ހާކޮން ވެގެންދާނީ 1905 ވަނަ އަހަރު މިނިވަންވި ފަހުން ނޯވޭގެ 4 ވަނަ ރަސްގެފާނަށެވެ. އަދި އައު ރާނީއަކަށް ވެވަޑައިގަންނަވާނީ މެޓެ-މަރިޓްއެވެ.



