އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ސެގްމެންޓް 1 ގެ ސަބްގްރޭޑް މަރާމާތު ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ނިމިދިޔަ ސަރުކާރުން 2023 ވަނަ އަހަރު 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތާރުއަޅައި، 2024 ގެ ކުރީކޮޅު ހުޅުވި އަމީނީ މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި ދުއްވާ ފަރާތްތަކަށް ތަކުލީފަކަށް ވުމުން، ސާވޭތަކަށްފަހު އެމްޓީސީސީން އެމަގު އަލުން މަރާމާތުކުރަން ފެށީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނީ ސެގްމެންޓް 1 ގެ ސަބްގްރޭޑް މަރާމާތުގެ ބާކީ މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެއަށްފަހު، ތާރުއެޅުމުގެ ކުރިން ސަބްގްރޭޑް ވަރުގަދަކުރުމަށް އަޅާ ހިލައާއި ހިލަފުށުގެ ފަށަލަ ނުވަތަ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ފެށޭނެއެވެ.
މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ދަރުމަވަންތަ ޕާކުން ފެށިގެން އިއްޒުއްދީން މަގާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަރާމާތު ކުރުމުގެ މަސައްކަތެވެ.



