Thursday, October 22
ޔޫތު ފައިނޭންސިންގެ ދަށުން 3,000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަން ރުފިޔާ ދޫކޮށްފި
ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފުކުރި "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ 3,000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިއީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން އަލަށް ފަށާ ނުވަތަ ކުރިއަރުވަން ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން އެއްވެސް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ވަނީ ދޫކޮށްފައެވެ.

މި އިސްނެގުމަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް އާއި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވަނީ، އުފެއްދުންތެރި ހިޔާލުތައް ހުރި ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ބޮޑު އުފަލަކާއި ފަހުރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މާލީ އެހީގެ އިތުރުން ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން އާ ގުޅިގެން، ފައިނޭންސިން ލިބުނު ފަރާތްތަކަށް މެންޓާޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ފޯމަލައިޒްކުރުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްދާ މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ހުށަހެޅުން މިއަހަރުގެ ނޮވެމްބަރު މަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު