އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މުވައްޒަފުންގެ ބަދަލުގައި މަސައްކަތް ކުރުވުމަށާއި، ބައެއް ޓީމުތައް 60 އިންސައްތައަށް ކުޑަކުރުމަށް މެޓާއިން އެކުލަވާލި "ޕްރޮޖެކްޓް އޯޓީ" ޕްލޭން ނާކާމިޔާބުވުމާ ގުޅިގެން، މުވައްޒަފުން ވަކިކުރުމުގެ ބޮޑު ޕްލޭން އެ ކުންފުނިން މަޑުޖައްސާލައިފިއެވެ.
މާކް ޒުކަބާގް އާއި މެޓާގެ އިސް ވެރިން އެކުލަވާލި މި ޕްލޭނުގެ މައިގަނޑު މަގުސަދަކީ މެޓާއަކީ "އޭއައި ނޭޓިވް" ކުންފުންޏަކަށް ހެދުމެވެ. މިގޮތުން އިންސާނުން ކުރަމުންދިޔަ ގިނަ މަސައްކަތްތައް އޭއައި އޭޖެންޓުން މެދުވެރިކޮށް އޮޓޮމޭޓްކޮށް، ކުންފުނީގެ އެތެރޭގެ ޓީމުތައް ކުދި "ޕޮޑް" ތަކަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މެޓާގެ ޕްލޭނުގެ ދަށުން މެދުފަންތީގެ މެނޭޖަރުންގެ މަގާމުތައް އުވާލައި، އިންޖިނިއަރުންނާއި ޑިޒައިނަރުން ހިމެނޭހެން "ބިލްޑަރުން" ގެ ނަމުގައި ކުދި ޓީމުތަކެއް އުފެއްދުމަށް ނިންމިއެވެ. މީގެ އިތުރުން، އޭއައި އޭޖެންޓުން ތަމްރީނުކުރުމަށް މުވައްޒަފުންގެ ކޮމްޕިއުޓަރުގެ ހަރަކާތްތައް ރެކޯޑުކުރާ ސޮފްޓްވެއާ ބޭނުންކުރަން ފެށި އިރު، މުވައްޒަފުން ވަކިކުރުމަށް ރޭވީ މޭ އަދި ނޮވެމްބަރު މަހަށް ބަހާލައިގެން ދެ ފިޔަވައްސަކަށެވެ.
މި ޕްލޭން ނާކާމިޔާބުވީ އަމިއްލަ ވަޒީފާ ގެއްލޭ ފަދަ ގޮތަކަށް އޭއައި ތަމްރީނުކުރަން ޖެހުމުން މުވައްޒަފުންގެ ހިތްހަމަޖެހުން ވަރަށް ބޮޑަށް ދަށްވުމާއި، އޭއައި މެދުވެރިކޮށް އުފެއްދި ކޯޑުތަކުގެ ސަބަބުން ސެކިއުރިޓީ އަދި ސިސްޓަމް މައްސަލަތައް 40 އިންސައްތަ އިތުރުވުމުގެ ސަބަބުންނެވެ. އަދި އޭއައި އިންފްރާސްޓްރަކްޗާއަށް ކުރި ބޮޑު ހޭދައާ އެއްވަރުގެ އުފެއްދުންތެރިކަމެއް ނުނެރެވުމުން އިންވެސްޓަރުންގެ ޕްރެޝަރު ވެސް ވަނީ މެޓާއަށް ބޮޑުވެފައެވެ.
ފުރަތަމަ ލޭއޮފް ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ނޮވެމްބަރު މަހަށް ރޭވި ދެވަނަ ފިޔަވަހީގެ ލޭއޮފް ޕްލޭންތައް މާކް ޒުކަބާގް ވަނީ ކެންސަލްކޮށްފައެވެ. އަދި 10 އިންސައްތަ މުވައްޒަފުން ވަކިކުރި ނަމަވެސް، އިތުރަށް މުވައްޒަފުން މަދުކުރުމުގެ ޕްލޭން މިހާރު ވަނީ މަޑުޖައްސާލާފައެވެ.
އެތެރޭގެ ބައްދަލުވުމެއްގައި ޒުކަބާގް ވަނީ އޭއައި ޓެކްނޮލޮޖީ ކުރިއަރައިގެން ދިޔައީ އުއްމީދުކުރިހާ އަވަހަކަށް ނޫންކަމަށް އެއްބަސްވެފައެވެ. އަދި މެޓާއަކީ "އިންސާނުން ބާރުވެރިކުރުވާ" ކުންފުންޏެއްގެ ގޮތުގައި ދެއްކުމަށް ހާއްސަ ޕަބްލިކް ރިލޭޝަންސް ކެމްޕޭނެއް މިހާރު ވަނީ ފަށާފައެވެ.



